ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ލިބޭ އާމްދަނީ މި 5 އަހަރުގެ ތެރޭގައި 6 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް މިފަދައިން ވިދާޅުވީ ރޭ ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ފައިސަލް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުމުގެ ގޮތުން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ހެލްތު ޓޫރިޒަމް، ސްޕޯޓްސް ޓޫރިޒަމް އަދި އެޑިއުކޭޝަނަލް ޓޫރިޒަމް ކުރިއަރުވަން ނިންމަވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އާ އުފެއްދުންތައް ފަތުރުވެރިކަމުގެ ދާއިރާއިން ތައާރަފް ކުރުމަށާއި ފޮރިން އިންވެސްޓްމެންޓް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން މިހާރު ރާއްޖެއަށް ލިބެމުން ދަނީ 4.5 ބިލިއަން ޑޮލަރުކަން ފައިސަލް ފާހަގަ ކުރައްވިއެވެ. އަދި ފައިސަލް ވިދާޅުވީ 2027 ވަނަ އަހަރު ނިމެންވާއިރަށް ރާއްޖޭގެ ބަޖެޓަށް ފަތުރުވެރިކަމުގެ ދާއިރާއިން 6 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަން މާކެޓް ކުރުމަށް ކުރެވިގެންދާ މަސައްކަތާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މި 5 އަހަރު ތެރޭގައި ގާތްގަނޑަކަށް 4 މިލިއަނަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ބޭނުން ކުރަން ފެށުމުގެ އިތުރުން އިތުރު ރިސޯޓްތައް ހުޅުވުމާއެކު ވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަން ފައިސަލް ވިދާޅުވިއެވެ.

ފައިސަލް އިތުރަށް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ޓޫރިޒަމް ކުރިއަރުވާ، ވޯލްޑް ލީޑިން ޑެސްޓިނޭޝަން އަކީ ރާއްޖެ ކަމުގައި ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މާކެޓިން ބަޖެޓު މި 5 އަހަރު ތެރޭގައި މީގެކުރިން އިތުރުވެފައި ނުވާ ވަރަށް އިތުރުކޮށް އެންމެ ބޭނުންތެރި ގޮތެއްގައި އޭގެ ބޭނުން ހިފާނެ ކަމަށެވެ.

މީގެއިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން ޓޫރިޒަމް އެޑްވައިޒަރީ ބޯޑެއް އަދި ޓޫރިޒަމް އެޑްވައިޒަރީ ކައުންސިލެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާކަން ވެސް ފައިސަލް ވަނީ ފާހަގަ ކުރައްވާފައެވެ.