އިންޑިއާގެ ގާޓްކޮޕާރު ގައި ހުރި ޕެޓްރޯލް ޝެޑެއްގެ ކައިރީގައި ހަރުކޮށްފައި ހުރި މާ ސިންގާ ބިލްބޯޑެއް ވެއްޓި 14 މީހަކު މަރުވެއްޖެއެވެ.

މިހާދިސާގައި ޕެޓްރޯލް ޝެޑް ވެސް އެއްކޮށް ފުނޑުފުނޑުވެފައި ވާއިރު ބިލްބޯޑު އޮތީ ޕެޓްރޯލް ޝެޑާއި އަދި އިންވެގެން ހުރި ޖިފުޓިތަކާއެކު، އެތާ ކައިރީގައި ހަރަކާތްތެރި ވި މީހުންގެ ބޯމަތީގައެވެ.

އިންޑިއާގެ ބޮމްބޭގެ ގާޓްކޮޕާރުގައި މިހާދިސާ ހިނގި އިރު މިއީ އެ ސަރަހައްދަށް މޫސުން ގޯސް ވަގުތެކެވެ.

14 މީހަކު މަރުވި މިހާދިސާގައި ގިނަ ބަޔަކު ޒަހަމްވެސް ވިއެވެ.

އޮފިޝަލުން ބުނާގޮތުން ބިލްބޯޑު ވެއްޓި ދަށުވި މީހުންގެ ތެރެއިން ޒަހަމް ތަކާއެކު 74 މީހަކު ވަނީ ނެރެގެން ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ޕެޓްރޯލް ޝެޑް މައްޗަށް ވެއްޓުނު ބިލް ބޯޑަކީ 100 ފޫޓު އުސް އަދި ފުޅާ ބޯޑެކެވެ.

ފުލުހުންނާ ހަވާލާދީ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ އިން ބުނާގޮތުން މި ބިލް ބޯޑަކީ ހުއްދަ ނުހޯދާ ގަވައިދާ ހިލާފަށް ޖަހާފައި ހުރި ބޯޑެކެވެ.

މި ހާދިސާ އާ ގުޅިގެން ހާއްސަ ތަހުގީގެއް ފަށާފައި ވާ އިރު އިންޑިއާއަކީ އެކިއެކި ސަރަހައްދުތަކުގައި މާ ސިންގާ ބޮޑެތި ބިލްބޯޑު ހަރުކޮށްފައި ހުންނަ ގައުމެކެވެ. އެކިއެކި ހައިވޭތަކާއި ގޯތިގޯތީގައި ބޮޑެތި ދަނގަޑު ފްރޭމް ހަދާ ބިލްބޯޑުތައް ޖަހާފައި ހުންނަނީ އެކިއެކި ކުންފުނިތަކުގެ އިޝްތިހާރުގެ ގޮތުގައެވެ.