މި އަހަރު ނިމުމުގެ ކުރިން ދައުލަތުގެ ހުރިހާ ސިއްހީ މަރުކަޒުތަކަށް ސަރުކާރުން ރޭޕް އެވިޑެންސް ކިޓް ފޯރުކޮށްދިނުމަށް، ރައްޔިތުންގެ މަޖިލީހުން މިއަދު ލަފާދީފިއެވެ.

ރާއްޖޭގައި ޖިންސީ ގޯނާކުރުމާއި ރޭޕް އިތުރުވަމުންދާތީ މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރުގެ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ރައްޔިތުންގެ މަޖިލީހަށް ޖުލައި 5، 2021 ގައި ހުށަހެޅުއްވި ގަރާރާ މެދު މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ނިންމިގޮތުގެ ރިޕޯޓު މަޖިލީހުން ފާސްކުރީ 46 މެންބަރުންގެ ވޯޓުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ކަމާބެހޭ އިދާރާތަކާ ބައްދަލުކޮށް އެކުލަވާލި ރިޕޯޓުގައި، ޖިންސީ ގޯނާކޮށްގެން ފުލުހުންނަށް ހުށަހެޅޭ ގިނަ މައްސަލަތަކަކީ ޖިންސީ ގޯނާ އާ ގުޅިގެން ވަކިކަމެއް ކުރާނެ ކަމަށް ޑިމާންޑުކޮށް ބްލެކްމެއިލްކުރާ މައްސަލަތަކެއްކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ކޮމިޓީން އިތުރަށް ފާހަގަކުރި ގޮތުގައި ޖިންސީ ގޯނާގެ މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތުގެ ހަށިގަނޑުން ތަހްގީގަށް ބޭނުންވާ ހެކި ނެގުމަށާއި، ޑޮކްޓަރުން ބަލަން ޖެހޭ ކަންކަން ބެލުމަށް، އަނިޔާ ލިބޭ ފަރާތް ސިއްހީ ހިދުމަތްދޭ ތަނަކަށް ގެންގޮސް ހަދަންޖެހޭ ޓެސްޓުތައް ހެދޭނެ ވަސީލަތްތައް ގިނަ ރަށްރަށުގައި ގާއިމްކޮށްފައެއް ނެތެވެ. އަދި ޖިންސީ އަނިޔާ ލިބޭ ފަރާތްތައް ސައިކޮލޮޖިސްޓަކަށް ދައްކައި ނަފްސާނީ އެސެސްމެންޓް ރިޕޯޓެއް ހަދާކަމާއި، އެފަދަ ތަންތަން މަދުވުމުގެ ސަބަބުން އެފަދަ ހިދުމަތްތައް ހޯދުމުގައި ދަތިތައް ކުރިމަތިވާކަން ވެސް ފާހަގަކުރިއެވެ.

އަދި ޖިންސީ ކުށުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ތައްޔާރުކުރި މޮނިޓަރިން ރިޕޯޓުުގައި އެ ގާނޫނުގެ ދަށުން ސަރުކާރުން ފޯރުކޮށްދޭ ރޭޕް އެވިޑެންސް ކިޓް ހުރިހާ ސިއްހީ އިދާރާތަކަށް ދައުލަތުން ފޯރުކޮށްދީފައި ނުވާ ކަމަށާއި، ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކޮށް، ޖިންސީ ކުށުގެ ގާނޫނަށް ގެނައި އިސްލާހުތައް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނަށް ވެސް އިސްލާހު ގެންނަން ޖެހޭ ކަމަށް ކޮމިޓީން ބުންޏެވެ.

މިއާއެކު ހިއުމަން ރައިޓްސް ކޮމިޓީން ވަނީ ސަރުކާރަށް ހަތަރު ލަފައެއް ދީފައެވެ. އެއީ:

  • ޖިންސީ ކުށުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ޖިންސީ ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާގުޅޭ އިދާރާތަކުގެ މެދުގައި މަސައްކަތްކުރާނެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމަށް
  • ޖިންސީ ކުށުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ޖިންސީ ކުށުގެ މައްސަލަތަކުގެ ތަހްގީގު އަވަސްކުރުމަށާއި އެފަދަ ކުށްތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެފަދަ ހިދުމަތްތައް ދެވޭނެ ގޮތްތައް ގާއިމްކުރުމަށް
  • ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކޮށް އެކަމާ ބެހޭ އުސޫލުތައް ހަދައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގައި ހިމަނައި އިސްލާހުކުރުމަށް
  • ޖިންސީ ކުށުގެ ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން އެކުލަވާލަން ޖެހޭ ގަވައިދުތައް އެކުލަވާލައި، ދައުލަތުގެ ފަރާތުން މި އަހަރު ނިމުމުގެ ކުރިން ރޭޕް އެވިޑެންސް ކިޓް ސަރުކާރުގެ ސިއްހީ ހުރިހާ މަރުކަޒުތަކަކަށް ފޯރުކޮށްދިނުމަށް