ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ މެންބަރުންގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރެއްވި ހުރިހާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.

މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވަނީ ޕީސީބީ އަށް ރައީސް އައްޔަންކުރެއްވި މުހައްމަދު އާޒާދާ އިންޓަވިއުކޮށް، އެ ބޯޑަށް ރައީސް ދެން އައްޔަންކުރެއްވި މެންބަރުންނަށް ރުހުންދިނުމާ މެދު ގޮތް ނިންމައިފައެވެ. އެ ބައްދަލުވުމުގައި ކޮމިޓީން ނިންމީ ހުރިހާ ބޭފުޅުންނަށް ވެސް ރުހުންދިނުމަށެވެ.

މިއަދުގެ ޖަލްސާގައި ރިޔާސަތުން ވޯޓަށް އެހުމުން، ޕީސީބީ އަށް އެ ހަ ބޭފުޅުން އައްޔަންކުރަން ފެންނަ ކަމަށް، ވަކިވަކިން ނަންތަކަށް އެހުމުން ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުން ވެސް ވަނީ ފާސްކޮށްފައެވެ. އެގޮތުން މެންބަރުން ވޯޓުދެއްވި ގޮތަށް ބަލާއިރު:

  • ހަމްދީ އަގީލް - ރައީސް: 47
  • މުހައްމަދު އާޒާދު - މެންބަރު، ފައިނޭންސް ދާއިރާ: 47
  • ލީނާ އަބްދުލްޖަލީލް - މެންބަރު، ބޭންކިން ދާއިރާ: 48
  • މޫސާ ފަތުހީ އާދަމް - މެންބަރު، ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާ: 46
  • އަހްމަދު ނަޝާތު - މެންބަރު، ގާނޫނީ ދާއިރާ: 46
  • ހަސަން ޒަރީރު - މެންބަރު، އިކޮނޮމިކްސް ދާއިރާ: 47

މި ބޭފުޅުން ހިމެނޭހެން ދެން ޕީސީބީގައި ތިއްބަވަނީ އެ ބޯޑުގެ ނައިބު ރައީސް މުހައްމަދު ފިރާޒާއި މެންބަރު އަހްމަދު މުޝްތާގެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އުފައްދާފައި ވަނީ ދައުލަތުގެ ކުންފުނިތައް ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން 2013 ވަނަ އަހަރުއެވެ. ޕީސީބީ އަށް ރައީސް އައްޔަންކުރައްވާ ބޭފުޅުންނަށް މަގާމު ލިބިގެންދާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުގައެެވެ.