އައްޑޫސިޓީ މީދޫ މަތިކިޅި އިކޯގާޑަންއަށް ވަނުމަށްޓަކައި ފީއެއް ނެގުމަށް ފާސްކޮށް އިކޯގާޑަން އިން ނެގޭ ފީ ބޭނުންކުރާނެގޮތުގެ އުސޫލެއް އައްޑޫ ސިޓީ ކައުންސިލް އިން އާންމުކޮށްފިއެވެ.
މިއަދު އައްޑޫ ސިޓީ ކައުންސިލުން ބުނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން، މިއަދުން ފެށިގެން މަތިކިޅި އިކޯގާޑަންއަށް ވަންނަ މީހުންގެ އަތުން ފީއެއް ނެގުމަށް ނިންމާފައިވާކަމަށެވެ.
އެ ގޮތުން ކައުންސިލުން ބުނީ އައްޑޫ ސިޓީ މީދޫ ކޮމިއުނިޓީއިން ތަރައްގީކޮށްފައިވާ އިކޯގާޑަންއަށް ވަނުމަށް ފީއެއް ނެގުމަށް ނިންމާފައިވަނީ އެތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމާ އަދި އެކި ފަރާތްތަކަށް ކުއްޔަށް ދޫކުރުމުގައި ލުއިފަސޭހަގޮތްތައް ހޯދުމާއެކު ރޭވުންތެރިކަމާ ހަރުދަނާކަމާއެކު ދެ ފުށް ފެންނަ އުސޫލެއް ގާއިމުކުރުމަށް ކަަމަށެވެ.
މީގެ އިތުރުން ކައުންސިލުން ބުނީ ދެން އިކޯގާޑަންއަށް ވަދެވޭނީ ޓިކެޓް ނަގައިގެން އެންމެ ގިނަވެގެން 45 މިނިޓަށް ކަމަށެވެ. އަދި އިކޯގާޑަން އަށް ވަނުމަށް ދެ ގިންތިއަކަށް ބަހާލައިގެން ޓިކެޓް ވިއްކުމަށް ނިންމާފައިވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އެ ގޮތުން އެންޓްރީ ފީ ގެ ގޮތުގައި ދިވެހިން އަތުން ބޮލަކަށް 10 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާއިރު ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިން އަތުން ނެގުމަށް ހަމަޖެހިފައިވަނީ ބޮލަކަށް 50 ރުފިޔާއެވެ. އަދި ވޯކް ވިސާގައި މަސައްކަތްކުރާ ބިދޭސީން އަތުން އެންޓްރީ ފީގެ ގޮތުގައި 15 ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ކައުންސިލުން ބުނީ އިކޯގާޑަން ޑިވަލޮޕްމެންޓް ޓީމާއި އައްޑޫ ސިޓީ ކައުންސިލާއި އަދި ދައުލަތުގެ ރަސްމީ ބޭނުންތަކަށް އިކޯގާޑަންއަށް ވަނުމަށް ހާއްސަ ވިޒިޓާސް ކާޑެއް ދޫކުރެވޭނެކަމަށެވެ. ޕާޓީތަކާއި ހަފްލާތައް ބޭއްވުމަށްވެސް އިކޯގާޑަން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާކަން ހާމަކޮށް ކައުންސިލުން ބުނީ އެންމެ މަދުވެގެން ތިން ގަޑިއިރަށް އިކޯގާޑަން ކުއްޔަށް ދޫކުރެވޭނީ 800 ރުފިޔާއަށް ކަަމަށެވެ. އަދި ތިންގަޑިއަށްވުރެ އިތުރުވާ ކޮންމެ ގަޑިއަކަށް 100 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
އިތުރަށް ކައުންސިލުން ބުނީ އިކޯގާޑަންއަށް ލިބޭ ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ އެތަނުގެ ތަރައްގީއަށް ކަމަށާއި މިތަނަށް ލިބޭ ފައިސާ ޖަމާކުރެވޭނީ އައްޑޫ ކޮންޒަވޭޓިވް ޓްރަސްޓް ފަންޑަށް ކަމަށެވެ،
އައްޑޫ ސިޓީގެ މީދޫ މަތިކިޅި ސަރަހައްދަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު ގެ ދަށުން 2020 ވަނަ އަހަރ ހިމާޔަތްކޮށްފައިވާ ޗަސްބިން ސަރަހައްދެކެވެ.