ދިވެއްސަކަސް ބިދޭސީއަކަސް 10،000 ޑޮލަރަށް ވުރެ ގިނައިން ރާއްޖެ އިން ބޭރަށް ގެންދާ ނަމަ، އެ ފައިސާ ހޯދި ގޮތެއް ސާބިތު ކޮށްދޭން ޖެހޭނެ ކަމަށާއި ސާބިތުކޮށް ނުދެެވިއްޖެ ނަމަ އެ ފައިސާ ހިފަހައްޓާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީ އާއި އެތަނުގެ ދަށުން ހިންގާ އިދާރާތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ، ކަސްޓަމްސްގެ ކޭޝް ޑިކްލަރޭޝަން ގަވައިދަށް ބޮޑު އިސްލާހެއް ގެނެސްފައި ވާ ކަމަށާއި އެގޮތުން 10،000 ޑޮލަރަށް ވުރެ ގިނައިން ނަގުދު ފައިސާ ހިފައިގެން ރާއްޖެއިން ބޭރަށް ދާ ނަމަ އެ ފައިސާ ހޯދި ގޮތުގެ ތަފްސީލް ދޭން ޖެހޭނެ ކަމަށެވެ.

މީގެ ކުރިން ނަމަ 10،000 ޑޮލަރަށް ވުރެ ގިނައިން ނަގުދު ފައިސާ ހިފައިގެންދާ ފަރާތްތަކުން ދަތުރު ކުރަނީ އެ އަދަދަށް ފައިސާ ހޯދައިގެން ކަމަށް ބުނުމުން ނިމުނީ ކަމަށާއި އޭރު އެ ފައިސާ ހޯދި ގޮތް ސާފުކުރަން ނުޖެހޭ ކަމަށް އިހުސާން ވިދާޅުވިއެވެ. ނަމަވެސް ބައިނަލްއަގްވާމީ އިދާރާތަކުގައި މިކަމަށް މިންގަނޑުތަކެއް އޮންނަ ކަމަށާއި މިހާރު އެ އަދަަދަށް ވުރެ އިތުރަށް ފައިސާ ގެންދާ ނަމަ ފައިސާ ހޯދު ގޮތް ހާމަ ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރާ ހަވާލުވިއިރު ބައެއް ބިދޭސީން ރާއްޖެއަށް ލޭބަރެއްގެ ގޮތުގައި އެތެރެވެ، އޭނާ ހަފުތާއަކު އެއް ފަހަރު ރާއްޖެ އިން ބޭރަށް އެތައް ލައްކަ ޑޮލަރު ހިފައިގެންދާ ކަމަށް އިހްސާން ވިދާޅުވިއެވެ. މިހާރު އެގޮތަށް ބިދޭސީންނަށް ވެސް އަދި ދިވެހިންނަށް ވެސް ނުދެވޭނެ ކަމަށާއި އެގޮތަށް ގެންދާ ޑޮލަރު މީގެ ފަހުން ހިފަހައްޓާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި މިންގަނޑަށް އަމަލު ކުރާނީ ހަމައެކަނި ދިވެހިންނަށް ނޫން ކަމަށާއި ބިދޭސީން ވިޔަސް ފައިސާ ހޯދީ ކިހިނެއް ކޮންތާކުންކަން ސާބިތު ކޮށްދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއާ އެކު ރާއްޖެއިން ބޭރަށް ބޮޑު އަދަދުން ކޭޝް ނުވަތަ ނަގުދު ފައިސާ ބޭރު ކުރުން ގާތްގަނޑަކަށް މި ވަނީ ހުއްޓުމަކަށް ގެނެވިފައި ކަމަށް އިހުސާން ވިދާޅުވިއެވެ.

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނާ ޖެނަރަލް އިބްރާހިމް މަފާޒު ވިދާޅުވީ، 2015 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ރާއްޖެއަށް އެތެރެކުރާ ނުވަތަ ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓް ކުރުމުގެ ގަވައިދު އޮތް ގޮތުން ގަވައިދާ ހިލާފަށް ފައިސާ ބޭރު ކުރާ ފަރާތްތަކާ މެދު ފިޔަވަޅެއް ނޭޅޭ ކަމަށެވެ.

އެ ގަވައިދުގެ ދަށުން އެޅެން އޮތް ހަމައެކަނި ފިޔަވަޅަކީ ކަސްޓަމްސް އަށް އޮޅުވާލައިގެން ނުވަތަ ފޮރުވައިގެން ގިނަ އަދަދެއްގެ ފައިސާ ބޭރު ކުރަން އުޅޭ މައްސަލަތަކުގައި ފުލުހުން މެދުވެރިކޮށް ޖިނާއީ ތަހުގީގެއް ހިންގައި ދައުވާ ކުރުން ކަމަށް މަފާޒު ވިދާޅުވިއެވެ. ނަމަވެސް، ކޯޓުގައި މައްސަލަތައް ދިގުލައި، އިޖުރާއީ މައްސަލަތައް ވެސް ބޮޑުވެ ގިނަ މައްސަލަތައް ސާބިތު ނުވެ އެ ފައިސާ އަނބުރާ ދޭން ޖެހޭ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.