ޖުލައި މަހު ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކެއް ހުޅުވިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވީ ސްޕެޝަލް އިކޮނޮމިކް ޒޯންތައް ތަރައްގީ ކުރުމަށް ދުބާއީގެ އިފްޒާ ކުންފުންޏާއެކު އެމްއޯޔޫއެއްގައި ސޮއިކުރުމަށް މިއަދު މީރުމާގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ސައީދު ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިވެލޮޕްމަންޓް ބޭންކެއް ޖުލައި މަސް ތެރޭގައި ހުޅުވިގެންދާނެ ކަމަށާއި އެއީ ރާއްޖޭގެ ތާރީހު ވަރަށް ބޮޑަށް ބަދަލު ކުރެވޭނެ މަޝްރޫއެއް ކަމަށެވެ. އަދި ސައީދު ވިދާޅުވީ އެ ބޭންކުގައި ސަރުކާރުގެ އިތުރުން އަމިއްލަ ބައެއް ފަރާތްތަކުގެ ހިއްސާ ވެސް އޮންނާނެ ކަމަށާއި އޭގެ ޝައުގުވެރިކަން މިހާރު ވެސް ބޭރުގެ ބައެއް އިންވެސްޓަރުން ފާޅުކޮށްފައިވާ ކަމަށެވެ.

އެއީ ލިބޭ ކުރިއެރުމެއް ކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ އެއީ ލިބޭ ކުރިއެރުމެއް ކަމަށާއި ޖުލައި މަސްތެރޭގައި ބޭންކްގެ އޮޕަރޭޝަން ފެށޭނެ ކަމަށެވެ.

ސައީދު ވިދާޅުވީ މި މަހުގެ 15 ވަނަ ދުވަހު ޔޫކޭއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށާއި އެ ދަތުރުގައި ފައިނޭންޝިއަލް އެސޯސިއޭޝަންތަކާއި އަދި އިންވެސްޓްމެންޓް އެސޯސިއޭޝަންތަކާއި އަދި ފައިނޭންޝިއަލް ސެކްޓާގައި ހިމެނޭ ވަރަށް ގިނަ ފަރާތްތަކާއެކު މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ބައެއް ވަޒީރުންނާއި ޔޫކޭގެ ހައުސް ލޯންސްގެ ބައެއް އިކޮނޮމިކް ކައުންސިލްގެ ކޮމިޓީގެ ބައެއް ފަރާތްތަކާއެކު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ޔޫކޭއަކީ ފައިނޭންޝިއަލް ސެކްޓާގެ އިލްމު ހުރި ބަޔަކަށްވާތީ އެ ބޭފުޅުންނާއެކު މަސައްކަތްތަކެއް ކުރައްވަން ރައީސް ބޭނުންފުޅުވާ ކަމަށެވެ. އަދި މި އަންނަ ޖުލައި މަހު 10 ވަނަ ދުވަހު ޔޫއެސްގެ ވޮޝިންޓަންއަށް ދަތުރެއް ކުރައްވާ ކަމަށާއި އެ ދަތުރުގެ ބޭނުމަކީ ރާއްޖޭގެ މި ސިސްޓަމް އެއްކޮށް ވަރުގަދަ ކުރުމަށްޓަކައި ޔޫއެސްއާއެކު މިކުރަން ޖެހޭ މަސައްކަތްތަކެއް ކުރުން ކަމަށް ސައީދު ވިދާޅުވިއެވެ.