އިސްލާމިކް ވޯލްޑް އޮފް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (އިސެސްކޯ) ގެ "ކަލްޗަރަލް ކެޕިޓަލް އޮފް ދަ އިސްލާމިކް ވޯލްޑް 2024" ގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް އަޒަރްބައިޖާނަށް ވަޑައިގަންނަވައިފިއެވެ.

އަޒަރްބައިޖާންގެ ޝޫޝާގައި އޮންނަ ސަގާފީ މި ހަރަކާތަކީ، 2024 ވަނަ އަހަރުގެ ސަގާފީ ކެޕިޓަލްގެ ގޮތުގައި އިސެސްކޯއިން އަޒަރްބައިޖާނުގެ ޝޫޝާ ކަނޑައެޅުމާ ގުޅިގެން، ގައުމީ ފެންވަރުގައި އެކަން ފާހަގަކުރުމުގެ ގޮތުން އެގައުމުން ކުރިއަށް ގެންދާ ހަރަކާތްތައް ފެށުމަށް ބާއްވާ ރަސްމިއްޔާތެކެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައި މި ހަރަކާތުގައި، އިސެސްކޯގައި ހިމެނޭ ގައުމުތަކުގެ އިސްލާމީ ސަގާފަތްތަކުގެ ގުޅުން ރަނގަޅު ކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. އޭގެ ތެރޭގައި، ސަގާފީ ފޯރަމްތަކާއި ތަރިކައާ ބެހޭ މަޝްވަރާތައް ކުރެވޭ ވަށްމޭޒު ބައްދަލުވުންތައް ހިމެނެއެވެ. އަދި ޝޫޝާއާއި އަޒަރްބައިޖާނުގެ އެހެން ގިނަ ސަރަޙައްދުތައް އިސްތިޢުމާރީ ބާރުތަކުން ސަލާމަތް ކުރުވެނުގޮތާއި އެތަންތަނުގެ އެހާރާއި މިހާރު ދައްކުވައިދޭ މައުރަޒުތައް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ރާވާފައެވެ.

ވަޒީރުގެ މި ދަތުރުގައި މި ހަރަކާތްތައް ރަސްމީކޮށް ފެށުމަށް ބާއްވާ ހާއްސަ ހަފްލާގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި މީގެ އިތުރުން، އަޒަރްބައިޖާނުގެ މިނިސްޓާ އޮފް ކަލްޗާ އަދި އިސްލާމިކް ވޯލްޑް އޮފް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން ގެ ޑިރެކްޓާ ޖެނެރަލް އާދިލް ކަރިމްލީ އާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހަމައެހެންމެ ދިވެހިރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ވަކާލާތު ކުރައްވާނެއެވެ. އަދި ސަގާފަތާއި ތަރިކައިގެ ރޮނގުން ދިވެހީން ތަމްރީނު ކުރުމަށް އިސެސްކޯގެ ތެރެއިން ލިބެން ހުރި ފުރުސަތުތައް ބައްލަވައި، އެ ދާއިރާތަކުން ދިވެހީންނަށް މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުންވެސް ތަމްރީނުގެ ފުރުސަތުތައް ހޯއްދެވުމަށް އިސްކަން ދެއްވާނެ ދާއިރާތަކުގެ ތެރޭގައި އާސާރުވެރީންގެ ދާއިރާ، އާސާރީ ތަކެތި ރައްކާތެރި ކުރުމުގެ ދާއިރާ، ދާރުލްއާސާރު އުފެއްދުމާއި ބެލެހެއްޓުމުގެ ފަންނުގެ ދާއިރާ އަދި އިންސާނީ ހަޟާރާތް ދިރާސާ ކުރުމުގެ ދާއިރާ ހިމެނެއެވެ.

ކަލްޗަރަލް ކެޕިޓަލް އޮފް ދަ އިސްލާމިކް ވޯލްޑް ހަރަކާތަކީ އިސްލާމީ ގައުމުތަކުގެ ސަގާފަތާއި ތަރިކައާ ބެހޭ ދާއިރާގެ އެންމެ މަތީ ފެންވަރުގެ ބޭފުޅުންނަށް ދައުވަތު އެރުވިގެން ކުރިއަށް ގެންދާ ސިސްސިލާ ހަރަކާތެކެވެ. މި ހަރަކާތް ރާވައި ހިންގަނީ އިސެސްކޯ އިންނެވެ. އިސެސްކޯ ގެ މެންބަރު ގައުމުތަކުގެ އަދަދަކީ 53އެވެ.