ދިވެހިރާއްޖޭގެ ޔޫތު މިނިސްޓްރީގެ 3 ނައިބު ރައީސުން އިންޑިއާއަށް ކުޑައިމީސްކުރި މައްސަލަ ދެން ތަކުރާރު ނުވާނެކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޒަމީރު މިފަދައިން ވިދާޅުވީ އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް މިހާރު ކުރައްވައި ދަތުރުފުޅުގައި ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޒަމީރު ވިދާޅުވީ އިންޑިއާއަށް ކުޑައިމީސްކުރުމަކީ ދިވެހި ސަރުކާރުން އެއްވެސް ހާލެއްގައި ހިތްވަރު ދޭނެ ކަމެއް ނޫންކަމަށާއި އެ ހިޔާލުތަކަކީ ސަރުކާރުގެ ސިޔާސަތެއްނޫން ކަމަށެވެ. އަދި އެ އަމަލާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައްވެސް އެ ފަރާތްތަކާ މެދު އަޅާފައިވާނެ ކަމަށް ޒަމީރު ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ އަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ، އެ ގައުމުގެ ސަރަހައްދުގައިވާ ލަކްޝަދީބުގެ ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ ރީތިކަމާއި އެ ތަންތަނުގައި ދިރިއުޅޭ މީހުންގެ މެހެމާންދާރީ އަށް ތައުރީފުކުރައްވައި 'އެކްސް'ގައި ކުރެއްވި ޕޯސްޓަކަށް މަރުހަބާ ކިޔައި ކުރި ރީޕޯސްޓެއްގައި އިންޑިއާގެ މީހަކު މިކަމުގެ ސަބަބުން ލަކްޝަދީބަށް އަންނަ ފަތުރުވެރިން އިތުރުވެ، ރާއްޖޭގެ ފަތުރުވެރިކަން ދަށަށް ދިއުން އެކަށީގެންވާ ކަމަށް ބުނުމުން ކުރިމަތިވި މައްސަލައެކެވެ.
އެގޮތުން މި ޕޯސްޓަށް ރައްދު ދެއްވައި، ޔޫތު މިނިސްޓްރީގެ 3 ނައިބުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފްގެ އިތުރުން އަބްދުﷲ މަހްޒޫމް މާޖިދު ވަނީ މޯދީ އަށް ބޭއަދަބީ ބަހުން މުހާތަބުކޮށް ޕޯސްޓުކޮށްފައެވެ. މިކަމާ ގުޅިގެން އިންޑިއާގެ ގިނަ ރައްޔިތުންގެ ނުރުހުން ޝިއުނާ އާއި މަލްޝާ އަށް އަމާޒުވުމުގެ އިތުރުން، ރާއްޖެއަށާއި ދިވެހި ސަރުކާރަށް ބޮޑެތި ފާޑުކިއުންތައްވެސް ވަނީ އަމާޒުވެފައެވެ.
މި މައްސަލަ އާއި ގުޅިގެން ޝިއުނާ އާއި މަލްޝާ ގެ އިތުރުން މާޖިދުވެސް ވަނީ ސަސްޕެންޑު ކޮށްފައެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާއަށް ކުރައްވާ މި ދަތުރުގައި އިންޑިއާގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮތް ގުޅުން ހަރުދަނާ ކުރުމަށް މަޝްވަރާ ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.