ގައުމީ ޔުނިވާސިޓީގެ މެޑިސިން ސްކޫލްގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންގެ ކިޔެވުން މިހާރެކޭ ވެސް އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖައްސަވައިދެއްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމާބެހޭ އިދާރާތަކަށް އެކަން މިއަދު އަންގަވައިފިއެވެ.
މެޑިސިން ސްކޫލްގެ ދަރިވަރުން ދަރުމަވަންތަ ހޮސްޕިޓަލުން ނިކުންނަން އަންގާފައިވަ ކަމަށް ބުނެ، ދަރިވަރުން ކަންބޮޑުވުން ފާޅުކުރީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ. މީޑިއާ އެ ކުދިން ހިއްސާކުރި ބަޔާނެއްގައި ބުނީ، މެޑިސިން ސްކޫލުގައި ކިޔަވާ 200 އަށް ވުރެ ގިނަ ދަރިވަރުން ދަރުމަވަންތަ ހޮސްޕިޓަލުން ނިކުންނަށް އެންގީ މެޑިސިން ސްކޫލުގެ ދަރިވަރުންނަށް އަމަލީ ތަޖުރިބާ ދިނުމަށްޓަކައި އައިޖީއެމްއެޗާއި ޔުނިވާސިޓީ އާ ދެމެދު ހެދިފައިވާ އެއްބަސްވުމުގައި ފަސް އަހަރު ބާކީ އޮއްވާ ކަމަށެވެ.
މެޑިސިން ސްކޫލުގެ ދަރިވަރުންގެ ފަރާތުން ބުނި ގޮތުގައި، ދަރުމަވަންތަ ހޮސްޕިޓަލުގެ އަށް ވަނަ ފަންގިފިލާ އާއި 14 ވަނަ ފަންގިފިލާއިން ދަރިވަރުން ނުކުންނަށް އަންގާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި އަންނަ ހަފުތާއިން ފެށިގެން ތަން ހުސްކުރުމުގެ މަސައްކަތް ފަށަން ޖެހިދާނެ ކަމަށް ދަރިވަރުންނަށް އަންގާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
"މި ދެ ފަންގިފިލާގައި ލެބްތަކާ އެކު ހުންނަ އަށް ކިލާސްރޫމް ވެސް ބައެއް ފަހަރު ފުރިގެން ލޮބީތަކުގައި ވެސް އަންނަނީ ކިޔަވައިދެމުންނެވެ. ކަން މިހެން އޮއްވާ އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އިމާރާތަށް ކިލާސްތައް ބަދަލުކުރަން ބުނި އިރު، އެ ތަނަކީ މިހާރުވެސް ތަން ފުރިގެން ގޮސް، ކިލާސްތައް ފުށުއަރަމުން އަންނަ ތަނެކެވެ." ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ޔުނިވާސިޓީގެ މެޑިސިން ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންގެ ފަރާތުން އިތުރަށް ބުނީ:
- މެޑިސިން ސްކޫލުގައި މިވަގުތު ކިޔަވައިދެމުންދާ ހަތް ބެޗުގެ ތެރެއިން ފުރަތަމަ ބެޗު މި އަހަރުގެ ޖުލައި މަހު ދަސްވެނިވާ ކަމަށް
- ހަތް ބެޗުގެ ތެރެއިން ކޯހުގެ ތިންވަނަ އަހަރުން ފެށިގެން މަތީގެ ދަރިވަރުންނަކީ ކޯސް އެކުލެވިފައިވާ ގޮތުން އައިޖީއެމްއެޗުގައި އަމަލީ ތަޖުރިބާ ފުރިހަމަކުރަމުން ކުލާހަށް ހާޒިރުވާ ދަރިވަރުން ކަމަށް
ނަމަވެސް ދަރިވަރުންގެ ކަންބޮޑުވުންތަކަށް ރައްދުދީ ނެރުނު ބަޔާނެއްގައި ޔުނިވާސިޓީން ބުނީ، މެޑިކަލް ސްކޫލުގެ ކިޔެވުން ޔުނިވާސިޓީގެ މައި ކެމްޕަހަށް ބަދަލުކުރަން ނިންމީ ދަރުމަވަންތަ ހޮސްޕިޓަލުގެ ހިދުމަތް ފުޅާކޮށް އާންމުންނަށް ކަންކަން ފަސޭހަ ކުރުމަށް އިތުރު ޖާގަ ބޭނުންވާތީ ކަމަށާއި، އާންމުންނަށް ކުރާނެ ފައިދާ ބޮޑުވާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
އެ ބަދަލުގެ ސަބަބުން މެޑިކަލް ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ކިޔެވުމަށާއި ޕްރެކްޓިކަލް ލެބުތަކުން ދެވޭ އެއްވެސް ހިދުމަތަކަށް ބުރޫނާރާނެ ގޮތަށް އެ އިންތިޒާމު، މައި ކެމްޕަހުގައި ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށް ބުންޏެވެ.
ޔުނިވާސިޓީން ބުނި ގޮތުގައި، ދަރިވަރުންނަށް ލިބިދޭން ޖެހޭ އަމަލީ ތަޖުރިބާ ދަރުމަވަންތަ ހޮސްޕިޓަލުން މިހާރެކޭ އެއްގޮތަށް ފޯރުކޮށްދެމުން ދާނެއެވެ. އަދި މެޑިކަލް ސްކޫލަށް ހާއްސަ ކެމްޕަހެއް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަން ވެސް ޔުނިވާސިޓީން ފާހަގަކުރިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ގައުމީ ޔުނިވާސިޓީގެ މެޑިސިން ސްކޫލްގެ ދަރިވަރުންގެ ކަންބޮޑުވުންތައް، ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން ރައީސްގެ އަރިހަށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ސިޓީއެއް ފޮނުވުމާ ގުޅިގެން، ޔުނިވާސިޓީ އާއި އައިޖީއެމްއެޗާ އެކު ސަރުކާރުން މަޝްވަރާކުރި ކަމަށާއި، އެގޮތުން ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީ، ކިޔެވުމަށް ބުރޫނާރާނެ ގޮތަކަށް ކަންކަން ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން ކަމަށެވެ.
އެ އިދާރާ އިން ބުނީ، ދަރިވަރުންގެ ކަންބޮޑުވުންތަކަށް އިޖާބަދެއްވައި، މެޑިސިން ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ދަރުމަވަންތަ ހޮސްޕިޓަލުގައި ކުރިއަށް ގެންދެވޭ ގޮތަށް ހަމަޖައްސަވައިދެއްވާފައިވާ ކަން ރައީސް ހާމަކުރެއްވީ ރައީސް އޮފީހުގައި ގައުމީ ޔުނިވާސިޓީ އާއި އައިޖީއެމްއެޗްގެ އިސްބޭފުޅުންނާ އެކު ބޭއްވުނު ބައްދަލުކުރެއްވުމަށް ފަހު ކަމަށެވެ.
ހަމަ އެއާއެކު، މިދިޔަ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު ޕާކިސްތާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން، ޒަމާނީ ވަސީލަތްތަކާ އެކު މެޑިކަލް ސްކޫލަށް ހާއްސަ ކެމްޕަހެއް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެޅުމުގެ މަސައްކަތް ކުރަމުންދާ ކަން ވެސް ސަރުކާރުން ފާހަގަކުރިއެވެ