މިހާރު ކުރިއަށް ދަނީ ގާޒާއަށް 100،000 ޑޮލަރު ފޮނުވުމުގެ މަރުހަލާ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިފަދައިން ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ޒަކާތު ހައުސްގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް (ގާޒާއަށް) 100،000 ޑޮލަރު ފޮނުވުމަށް އިސްލާމިކް މިނިސްޓްރީއިން ނިންމާފައިވާކަން ފާހަގަ ކުރައްވާ ޝަހީމް ވިދާޅުވީ އެކަމާ ގުޅިގެން ކުރަންޖެހޭ މުއާމަލާތްތައް ގަތަރުގެ ރެޑްކްރެސެންޓާއެކު ކުރިއަށްދާ ކަމަށެވެ. އެގޮތުން މަޝްވަރާތައް ކުރެވި، މިހާރު ކުރިއަށް ދަނީ ފައިސާ ޓްރާންސްފާ ކުރުމުގެ މަރުހަލާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މި މަސައްކަތް ކުރިއަށް ދަނީ ރަސްމީ ގޮތެއްގައި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިންސާނީ ގޮތުން ފޯރުކޮށްދެވޭ އެހީއެއްގެ ގޮތުގައި ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި މިއީ ދިވެހިރާއްޖޭގެ ތާރީހުގައި ވެސް ބޭރުގެ ފަރާތްތަކަށް ދިވެހިރާއްޖޭގެ ޒަކާތުގެ އިދާރާއިން އެހީވާ ފުރަތަމަ ފަހަރުކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޝަހީމް އިތުރަށް ވިދާޅުވީ މިއީ ރަނގަޅު ފިޔަވަޅެއް ކަމަށެވެ. އަދި މިކަމުން ދޭހަވަނީ ޒަކާތު ހައުސް ކުރިއަށް ދަނީ ރަނގަޅު މަގުން، އިންސާނީ އެހީތެރިކަމާ އިސްލާމީ އަހުއްވަތްތެރިކަމަށް ވެސް ރިއާޔަތް ކުރެވިގެންކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން ޝަހީމް ވަނީ ދިވެހިރައްޔިތުންގެ ފައިސާ އަމާނަތްތެރިކަމާއެކު އޭގެ ހައްގުވެރިންނަށް ޖަމާކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ތާރީހީ ގޮތުން ބަލާއިރުވެސް ދިވެހިރާއްޖޭގައި ފިތުރު ޒަކާތް ބަހަމުން އަންނަނީ އެރަށަކުން ލިބޭ އެއްޗެހި އެރަށެއްގެ ފަޤީރުންނަށްށެވެ. އަދި އެރަށެއްގައި ފަގީރަކު ނެތް ނަމަ ދެން އެންމެ ގާތުގައި އޮތް ފަގީރުން ތިބި ރަށަކަށެވެ.