ހަމާސް އާއި އިޒްރޭލާ ދެމެދު ސުލްހަ ގާއިމު ކުރުމަށް މިސްރުގައި ކުރިއަށް ދާ މަޝްވަރާ ތަކުގައި އޮތް ހުށަހެޅުމަށް އެއްބަސް ނުވާން އުޅެނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކަމަށް ހަމާސް އިން ބުނެފިއެވެ.

ހަމާސްގެ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާއިން ބުނީ، ސުލްހައިގެ ވާހަކަތަކުގައި އޮތް ގޮތަށް ހަމާސްގެ އަތްދަށުގައި ތިބި ރަހީނުންގެ ތެރެއިން 33 މީހަކު މިނިވަން ކުރަން އެއްބަހެވެ. ބަދަލުގައި ހަމާސް އިން ބޭނުންވާ ޔަގީން ކަމަކީ އިޒްރޭލުން ރަފާއަށް ހަމަލާ ނުދޭނެ ކަމާއި ގާޒާ ދޫކޮށް ފައިބާނެ ކަމެވެ. ހަމާސްގެ އޮފިޝަލުން ބުނާ ގޮތުން އެ ޔަގީންކަން އެމެރިކާގެ ފަރާތުން ވަނީ ލިބިފައެވެ. ނަމަވެސް އިޒްރޭލުން އެކަމުގައި އެއްބަސް ވެފައި ނުވާ އިރު އެމެރިކާއިން ދޭ ޔަގީން ކަމަކީ އިޒްރޭލުން އަމަލު ކުރާނެ ކަމެއް ނޫން ކަމަށް މުރާސިލުން ދަނީ ބުނަމުންނެވެ.

ސުލްހައިގެ ވާހަކަތަކުގައި އަދި ގޮތެއް ނިމިފައި ނުވާ އިރު ރަހީނުން މިނިވަން ކުރުމަށް ސުލްހަ ވުމަށް ގޮވާލައި އިޒްރޭލުގައި ކުރަމުން ދާ މުޒާހަރާތައް ވެސް ދަނީ ވަރުގަދަ ވަމުންނެވެ. ސަރުކާރާ ދެކޮޅު ފަރާތްތަކުން އިޒްރޭލުގެ މަގުތަކަށް ނިކުމެފައި ވާ އިރު އެ މުޒާހަރާތަކުގައި ބައިވެރިވާ މީހުންގެ ތެރެއިން މެޖޯރިޓީ މީހުން ބުނަނީ އިޒްރޭލުން ރަފާ އަށް އެރުމާ ދެކޮޅު ކަމަށެވެ. އަދި އެމީހުންގެ އާއިލާތައް މިނިވަން ކޮށް އިޒްރޭލަށް ގެނައުމަށް ދަނީ ގޮވާލަމުންނެވެ.

އިޒްރޭލުގެ އެއްބަޔަކު ހަމަލާތަކާ ދެކޮޅު ނަމަވެސް ނަތަންޔާހޫގެ ހަނގުރާމައިގެ ކެބިނެޓުން އޮތީ ރަފާއަށް އަރަން ހިތްވަރު ދިނުމުގައެވެ. އެގޮތުން 'މިހާރު ރަފާ' [ރަފާ އަށް މިހާރު އަރްނަވީ] ކަމަށް ބުނެ އޭނާގެ ސަރުކާރުގެ ބައެއްވަޒީރުން ގެންދަނީ އަޑުއުފުލަމުންނެވެ.

ނަތަންޔާހޫ ބުނެފައި ވަނީ، ސުލްހައިގެ އެއްބަސްވުމެއް ގާއިމު ކުރިޔަސް ނުކުރިޔަސް ރަފާ އަށް އަރާނެ ކަމަށާއި އެކަން ބަދަލު ނުވާނެ ކަމަށެވެ. އެއި ހަމާސް އިން ކަންބޮޑުވާ މައްސަލައެކެވެ.

މިސްރުގައި ސުލްހައިގެ ވާހަކަތައް ކުރިއަށް ދާއިރުވެސް އިޒްރޭލުގެ ބޯޓުތަކާއި ޑްރޯންތަކުން ގާޒާގެ އުތުރަށާއި މެދުތެރެއަށް ގެންދަނީ ހަމަލާ ދެމުންނެވެ. އަދި ރަފާގެ ބައެއް ސަރަހައްދުތަކަށް ވެސް ގެންދަނީ ހަމަލާ އަމާޒު ކުރަމުންނެވެ. މީގެ އިތުރުން ގާޒާއަށް ކާބޯތަކެތި ވެއްދުމަށް ހުރަސް އަޅާ، ގާޒާގައި ތިބި ރައްޔިތުން ބަނޑަށް ޖެއްސުމުގެ ސިޔާސަތުވެސް ގެންދަނީ ދަމަހައްޓަމުންނެވެ.

އެހެން ކަމުން މިހާރު މޭޒުމަތީގައި އޮތް ސުލްހައިގެ ޕްލޭނަށް އެއްބަސް ވިޔަސް އެއީ ހަމާސް އަށް ގެރެއްޓީއެއް އޮތް ކަމެއް ނޫނެވެ.

ސުލްހައިގެ މިހަފަރުގެ މަޝްވަރާތަކުގައި ހަމަލާ ހުއްޓާލައި މުއްދަތު 40 ދުވަހަށް ދެމެހެއްޓުމަށް ދަނީ ވާހަކަ ދައްކަމުންނެވެ.