ކުޅުދުއްފުށީގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެ ހާދިސާގެ މައުލޫމާތު ހިއްސާ ކުރަމުން އެމްއެންޑީއެފް އިން ބުނީ، ކުޅުދުއްފުށި ސިޓީ، "ގޮންބުލިމާގެ" ނަމަކަށް ކިޔާ ގެއެއްގައި ރޯވިކަމުގެ މައުލޫމާތު ކުޅުދުއްފުށީ ފަޔާ ސްޓޭޝަން އަށް ލިބުނީ މިއަދު ހެނދުނު 10:30 ހާއިރު ކަމަށެވެ.

އަދި ފަޔާ ފަޔަޓަރުން އެ ސަރަހައްދަށް ގޮސް، ކުރި މަސައްކަތުން 10 ވަރަކަށް މިނަޓުން އަލިފާންގަނޑު ނިއްވާލެވުނު ކަމަށް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ.

މި ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް އެ ގޭގެ ބަދިގެއަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ހާދިސާ ހިނގަން މެދުވެރިވި ވަކި ސަބަބެއް އެމްއެންޑީއެފް އިން ހިއްސާ ކޮށްފައިނުވާއިރު އެ އިދާރާއިން އާންމު ކުރި ފޮޓޯތަކުން ފެންނަ ފެނުމަށް ހާދިސާ ހިނގި ބަދިގޭގައި ބަހަައްޓާފައިވާ އުނދުނާއި މަތީ ކަބަޑުތަކުގެ އިތުރުން ސީލިންގަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އަދި ސީލިންގުގެ ބޮޑުބައެއް ވެއްޓިފައިވާ މަންޒަރު ފޮޓޯތަކުން ފެނެއެވެ.