ބޮޑުތަކުރުފާނު މަގު ޓީ-ޖެޓީ ސަރަހައްދަށް ކުނި އެޅި މީހަކު ހޯދާ ޖޫރިމަނާކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ގަވާއިދާ ހިލާފަށް އެ ސަރަހައްދަށް ކުނި އަޅާފައި ވަނީ ދިވެހި ފިރިހެނެއް ކަމަށެވެ.

މާލޭ މަގުމައްޗަށް ކުނިއަޅާ މީހުން ހޯދުމަށް މާލެ ސިޓީ ކައުންސިލުން ދަނީ ހާއްސަ ޕްރޮގްރާމެއް ހިންގަމުންނެވެ. އެގޮތުން މި ޕްރޮގްރާމްގެ ދަށުން މަގުމައްޗަށް ކުނި އަޅާ ބަންގްލަދޭޝްގެ ރައްޔިތަކު ހޯދާ އޭނާ ޑީޕޯޓު ކުރަން ސިޓީ ކައުންސިލުން ވަނީ އިމިގްރޭޝަނާ ހަވާލު ކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން ބުނެފައި ވަނީ ކުނި އަޅާކަން ފާހަގަ ކުރެވިގެން ބެލި ބެލުމުން ހޯދުނު ބަންގްލަދޭޝް މީހާ އަކީ ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅޭ މީހެއްކަން އެނގިފައި ވާ ކަމަށެވެ. އެހެން ކަމުން އޭނާ ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށާއި އިމިގްރޭޝަނާ ގުޅިގެން އޭނާ ޑީޕޯޓް ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ހުސްވި ރޯދައާ ދިމާކޮށް މާލޭގެ އެކިއެކި ގޭގެ ސާފުކޮށް އާންމުން މަގުތަކަށް ކުނިއެޅުމުގެ ސަބަބުން ހިނގާބިނގާވެ އުޅުމަށް އުނދަގޫވެ އާންމު އުނދަގުލަކަށް އެކަން ވުމުން ސިޓީ ކައުންސިލުން ވަނީ ހާއްސަ އޮޕަރޭޝަނެއް ހިންގާ މާލެ ތެރެ ސާފު ކޮށްފައެވެ. ރޯދަމަހާއި އަދި އޭގެ ފަހުން މި ވީ މުއްދަތާ އެއްކޮށް މާލެ ތެރޭ ސާފު ކުރި އިރު 100 އެއްހާ ކޮންޓޭނަރުގެ ކުނި މާލެތެރެއިން ނަގާފައި ވާކަން ފާދަ ކުރެވުނެވެ.