ސްރީލަންކާގެ މައި އެއާޕޯޓް, ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓް (ބީއައިއޭ) ގައި އޮން އެރައިވަލް ވިސާ ދޫކުރަން އިންޑިއާގެ ކުންފުންޏަކުން ހަރަކާތްތެރިވާ މައްސަލައެއް ރޭ ފެންމަތިވެއްޖެއެވެ.
ލަންކާގެ ނޫހެއް ކަމަށް ވާ ޑެއިލީ މިރާއިން ރިޕޯޓު ކޮށްފައި ވާ ގޮތުގައި ރޭ ހިނގާ ދިޔަ ހާދިސާގައި ލަންކާގެ ރައްޔިތަކު ވަނީ, އެއާޕޯޓު ތެރޭގައި އަޑުގަދަކޮށް, ލަންކާ މީހުންނަށް ވިސާ ދޫކުރަން އިންޑިއާ މީހުން ތިބެން ޖެހެނީ ކީއްވެތޯ އަހާ ސުވާލުކޮށްފައެވެ. އަދި ލަންކާގައި އެކަން ކުރެވޭނެ ފެންވަރުގެ ކިތަންމެ ކުންފުންޏެއް ހުއްޓާ, އިންޑިއާ ބަޔަކާ ހަވާޅު ކުރީ ކީއްވެތޯ އާއި އެކަން ހިނގަމުން ދަނީ ލަންކާގެ ކެބިނެޓުގެ ހުއްދައެއް އޮވެގެންތޯވެސް ސުވާލު އުފައްދާފައި ވެއެވެ.
އެ ނޫހުން ރިޕޯޓު ކޮށްފައި ވާ ގޮތުން އޮން އެރައިވަލްގައި އާންމު ކޮށް ނަގާ 75 އެމެރިކާ ޑޮލަރުގެ އިތުރަށް އިންޑިއާ ކުންފުނިން 25 އެމެރިކާ ޑޮލަރު ވެސް ނަގައެވެ.
އެ މައްސަލަ ބޮޑުވެ ޝަކުވާ ކުރި މީހުން ބުނެފައި ވަނީ, މީގެ ކުރިން ވިސާގެ ކަންކަން ބަލަހައްޓަމުން ގެންދިޔައީ ލަންކާގެ އިމިގްރޭޝަނުން ކަމަށާއި އޭރު ދިމާ ނުވާ ކިތަންމެ މައްސަލަތަކެއް މިހާރު ދިމާވެ, މުޅި ޕްރޮސެސް ލަސްވެގެން ގޮސްފައި ވާ ކަމަށެވެ.
ކޮންޓްރޯލާ ޖެނެރަލް ހަރްޝާ އިއްލުކްޕިޓިއާ އާ ހަވާލާދީ އެ ނޫހުން ބުނީ, އިންޑިއާގެ ކުންފުންޏަށް ވިސާގެ ކަންކަން އޮމާންކޮށް ނުގެންދެވިގެން އަލުން ހިދުމަތްތައް އަނބުރާ އިމިގްރޭޝަނަސް ނަގާފައި ވާ ކަމަށެވެ.
ރޭ ހިނގި ހާދިސާއެއްގެ ވީޑިއޯ އާންމުވެފައި ވާ އިރު ލަންކާއަށް ނިސްބަތްވާ ފިރިހެނެއްގެ އަންހެނުންގެ ވިސާ އޮން އެރައިވަލްގައި ކެންސަލްވި މައްސަލައެއްގައި ފިރިހެންމީހާ ވަނީ އަޑުގަދަކޮށް 'އޭނާ އާއި އޭނާގެ އަންހެނުންނަކީ ލަންކާގެ ރައްޔިތުންތޯ ނޫންތޯ އިންޑިއާ މީހުން ނިންމާނީ ކިހިނެއްތޯ" އަހާފައެވެ. އިތުރަށް އޭނާ ބުނީ އޭނާ އަކީވެސް ޓެކުހުގެ ގޮތުގައި އަހަރަކު 4 މިލިއަނެއްހާ ރުޕީސް ދައުލަތަށް ދައްކާ މީހެއް ކަމަށާއި އޭނާގެ ރަށްވެހިކަން ކަނޑައެޅުމުގެ ބާރު އިންޑިއާ ބަޔަކަށް ނޯންނާނެ ކަމަށް ބުނެފައެވެ. އަޑުގަދަ ކުރަމުން އޭނާ ބުނީ ލަންކާގެ ވިސާ ސިސްޓަމް އިންޑިއާގެ ބަޔަކަށް ވިއްކާލަން ޖެހެނީ ކޮން ސަބަބަހާ ހުރެހެއްޔެވެ.
އެ ނޫހުން އިތުރަށް ބުނީ, ރޭގެ ހާދިސާ ދިމާވި އިރު ވިސާ ޕްރޮސެސްގައި ލަސްވާ ކަމުގައި ޝަކުވާ ލަންކާއިން ބޭރުގެ ބައެއް ފަރާތްތަކުންވެސް ކޮށްފައި ވާ ކަމަށެވެ.
މި ހާދިސާ ހިނގި އިރު މިކަމުގައި ލަންކާ ސަރުކާރުގެ އެއްވެސް އިދާރާއަކުން އަދި ބަހެއް ބުނެފައެއް ނުވެއެވެ.
ބަންޑާރަނައިކެ އެއާޕޯގެ ވިސާގެ ކަންކަން ބެލެހެއްޓުން އިންޑިއާގެ ކުންފުންޏަކާ ހަވާލު ކުރިއިރެއް ސާފު ނުވާ އިރު، ލަންކާ ސަރުކާރުން މިހާރު ވަނީ ވައްޓަލަ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން އިންޑިއާ އާއި ރަޝިއާ ހިމެނޭހެން ހަދާފައި ވާ ޖޮއިންޓްވެންޗާ ކުންފުންޏަކަށް ދޭން ނިންމާފައެވެ. ވައްޓަލަ އެއާޕޯޓަކީ ރާޖްޕަކްސަ ގެ އަމިއްލަ ރަށުގައި އޮންނަ އެއާޕޯޓެކެވެ.