ކޮންމެ މަސައްކަތެއްގައި ޒުވާނުންގެ ޝާމިލް ވުމަކީ ވަރަށް މުހިއްމު ކަމެކެވެ. ޒުވާނުންގެ ތާޒާ ވިސްނުމަކީ ކޮންމެ ކަމެއްގައިވެސް ބޭނުންތެރި ކަމެކެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުޑަތަންވެފައި ވާއިރު އެއީވެސް ވިސްނާލުން މުހިއްމު ކަމެކެވެ. މަޖިލީހުން ނިންމާ ނިންމުންތަކުގައި އެ ޒުވާން ވިސްނުން ވަރަށްވެސް ބޭނުންތެރިއެވެ.

ސަރުކާރުގެ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރާ މި އިންތިހާބުގައި އެންމެ ހަގު ކެންޑިޑޭޓަކީ ށ. އަތޮޅު ފުނަދޫ، މާއުނގޫދޫ އަދި ޅައިމަގު ތަމްސީލު ކުރައްވަން ނިކުމެވަޑައިގެން ހުންނެވި ޒުވާން މުހައްމަދު މަމްދޫހެވެ. ޒުވާނުންގެ ނަމުން ނަމަ "މަންޑޭ" އެވެ. މަމްދޫހް އަކީ ޕީއެންސީގެ އެންމެ ހަގު ކެންޑިޑޭޓް ކަމުގައި ވިޔަސް އޭނާގެ ސިޔާސީ ވިސްނުން ހަގެއް ނޫނެވެ. އެ ފިކުރުގެ ތެރޭގައި އޭނާ މަސައްކަތް ކުރައްވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

ފުނަދުއަށް އުފަން އުމުރުން 28 އަހަރުގެ މަމްދޫހްގެ ތައުލީމީ ގާބިލުކަންވެސް އެބަހުއްޓެވެ. ފުނަދޫ ސްކޫލުން ސާނަވީ ތައުލީމް ފުރިހަމަ ކުރެއްވުމަށް ފަހު މާލެ ވަޑައިގެން މަމްދޫހް މަތީ ސާނަވީ ތައުލީމު ހާސިލް ކުރެއްވީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުންނެވެ. އަދި މަމްދޫހް ވަނީ ވިލާ ކޮލެޖުން އެކައުންޓިން އެންޑް ފައިނޭންސިންގެ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައެވެ.

ފުނަދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް، މުހައްމަދު މަމްދޫހް/ ފޮޓޯ: މަމްދޫހް

އެއަށްފަހު މަމްދޫހް ވަނީ އާސަންދަ ޕްރައިވެޓް ލިމިޑެޓާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އެ ދާއިރާތަކުން މަސައްކަތްތަކެއް ކުރައްވާފައެވެ.

18 އަހަރުގައި ސިޔާސީ މައިދާނަށް ނިކުތް މަމްދޫހް އަދިވެސް ދެގޮތެއް ނުވެ އެ ފިކުރުގައި

މަމްދޫހްގެ ސިޔާސީ ހަޔާތް ފެށުނީ 2013 ވަނަ އަހަރުގައި ޕީޕީއެމްއިން ބޭއްވި ރިޔާސީ އިންތިހާބުގެ ޕްރައިމަރީގެ ތެރެއިންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވާދަކުރެއްވި އެ ޕްރަމައީގެ ކެމްޕެއިންގެ މަސައްކަތުގެ ތެރެއިން ސިޔާސީ ހަޔާތަށް ނިކުމެވަޑައިގެން މަމްދޫހްގެ ފިކުރަކަށް ކުޑަވެސް ލޮޅުމެއް ނާދެއެވެ. އޭރު އެންމެ 18 އަހަރުގައި ސިޔާސީ މަސައްކަތް ފެއްޓެވި މަމްދޫހްގެ މިއަދުގެ ފިކުރަކީ ވެސް ހަމަ އެއީއެވެ.

އެ ދުވަސްވަރު ސިޔާސީ ހަރަކާތްތަކުން ޒުވާން މޫނުތައް ފެންނާނީ ވަރަށް މަދުންނެވެ. ފަހުރުވެރިކަމާއެކު މިއަދުވެސް މަމްދޫހް ވިދާޅުވާ ވާހަކައަކީ އެ ދުވަސް ވަރު ސިޔާސީ މަސައްކަތުގައި ފުނަދޫ އިން ނިކުތް ހަމައެކަނި ޒުވާނަކީ އޭނާއޭ ބުނެވިދާނެ ކަމަށެވެ. އެއަށްފަހު ޕާޓީގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ މަމްދޫހް ފުނަދޫ ދާއިރާގެ ޕީއެންސީ ޓިކެޓު ހޯއްދެވީ ވާދަވެރި ޕްރައިމަރީއަކަށް ފަހުއެވެ.

ފުނަދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް، މުހައްމަދު މަމްދޫހްގެ ކެމްޕެއިން ހަރަކާތެއް/ ފޮޓޯ: ކެމްޕެއިން ޓީމު

ޕާޓީއިން ހޮވާ މެންބަރުން ޕާޓީ ބަދަލުކުރާ މައްސަލަ ބޮޑުވެފައި ވާއިރު މަމްދޫހް ޕާޓީ ބަދަލު ނުކުރައްވާނެ ކަން އޭނާގެ 10 އަހަރުގެ ސިޔާސީ މާޒީއިން އެނގި ހާމަވާނެއެވެ. ސިޔާސީ ތަފާތު އޮއިވަރުތައް އައިސް ގޮސްފިއެވެ. ސަރުކާރުތައް ބަދަލުވެ ޒުވާނުންނަށް ތަފާތު ޑިމާންޑްތައް އައި އިރުވެސް މަމްދޫހް ހުންނެވީ ޒުވާން ޖޯޝުގައި އަތަކަށް އަނބުރާލެވޭނެ ފަދަ ގޮތަކަށް ނޫނެވެ.

މަމްދޫހްގެ ސިޔާސީ މާޒީއަށް ބަލާ އެ ދާއިރާގެ ތިން ރަށުގެ ރައްޔިތުނަށް މަމްދޫހް އެ ފަދަ އޮއިވަރެއްގައި ނުޖެހޭނެ ކަމުގެ މިއަދުވެސް ޔަގީންކަން އޮވެއެވެ. މިއަދުވެސް އޭނާ ދެއްވާ ޔަގީންކަމަކީ ޕާޓީ ބަދަލުކޮށް އިތުބާރު ގެއްލޭ މައްސަލަ އޭނާގެ ފަރާތުން ކުރިމަތި ނުވާނެ ކަމެވެ. މަމްދޫހް ހުންނެވީ އޭނާ ގަބޫލުކުރައްވާ ފިކުރުގައި، ގަބޫލުކުރާ ޕާޓީގެ ފަހަތުގައެވެ.

"އަޅުގަނޑު ޕާޓީ ބަދަލެއް ނުކުރާނަން، އަޅުގަނޑު މި ހުރީ އަޅުގަނޑު ގަބޫލު ކުރާ ފިކުރުގެ މަތީގަ، އަޅުގަނޑު ގަބޫލު ކުރާ ޕާޓީގަ، އަޅުގަނޑު އެ ޔަގީންކަން އަމިއްލަ ނަފްސަށް އޮވޭ، 100 ޕަސެންޓް ޔަގީން އަޅުގަނޑު ޕާޓީ ބަދަލު ނުކުރާނެ"
މަމްދޫހް
ފުނަދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް، މުހައްމަދު މަމްދޫހްގެ ކެމްޕެއިން ހަރަކާތެއް/ ފޮޓޯ: ކެމްޕެއިން ޓީމު

ޒުވާނުނަށްވެސް ހުރި މިސާލެއް، ދާއިރާ ތަމްސީލް ކުރަން މަމްދޫހް ނޫން ޗޮއިސްއެއް ހަމަނެތް

އިތުރު ހަތަރު ކެންޑިޑޭޓުންނާއެކު މަމްދޫހް ފުނަދޫ ދާއިރާ ތަމްސީލް ކުރައްވަން ނިކުމެ ހުންނެވީ އިޖްތިމާއީ ގޮތުން ގިނަ ކަންކަމުގައި ޝާމިލުވެ އުޅެމުން އެފަދަ ކަންކަމުގެ ތެރެއަށް ޒުވާނުން ވެސް ނެރެދިނުމަށް ފަހުއެވެ. މަމްދޫހަކީ ޒުވާނުންނާއި ދޮށީ އުމުރުގެ މީހުންނާ ގުޅޭ އިޖުތިމާއީ މަސައްކަތްތައް ކުރުމުގެ ރޫހެއް އުފައްދައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

މަމްދޫހަކީ މިއަދަކު އިއްޔެއަކު އެ ދާއިރާއަށް ފެންނަ މޫނެއް ނޫނެވެ. އެއީ އެ ދާއިރާއަށް ފަރިތަ އެންމެންނާވެސް ގުޅޭ ކެންޑިޑޭޓެކެވެ. މިއަދުވެސް ވަކި ވަކި ރައްޔިތުންގެ ގާތަށް ވަޑައިގެން ކަންބޮޑުވުންތައް އައްސަވާ، ވާހަކަދައްކަވާ ކެންޑިޑޭޓެކެވެ. މަމްދޫހަށް ވުރެ ގިނައިން އެ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދެއްކެވި އިތުރު ކެންޑިޑޭޓެއް ވެސް ނެތެވެ. އެކަން މަމްދޫހަށް ވެސް ހަމަ ޔަގީނެވެ.

ފުނަދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް، މުހައްމަދު މަމްދޫހްގެ ކެމްޕެއިން ހަރަކާތެއް/ ފޮޓޯ: ކެމްޕެއިން ޓީމު

ގިނަ ރައްޔިތުންތަކަކާ ބައްދަލުވެ، ވާހަކަ ދެއްކެވިފައި ވުމުން ރައްޔިތުންގެ ވިސްނުމާއި ފިކުރުވެސް މަމްދޫހަށް ވަނީ އެނގި ހާމަވެފައެވެ. އެ ހުރިހާ ކަމަކަށް ބަލާ މަމްދޫހަށް މި އިންތިހާބު ކާމިޔާބު ކުރައްވާނީ ފުނަދޫ ދާއިރާގެ ތާރީހުގައިވެސް ޕީޕީއެމް އަދި ޕީއެންސީއަށް ލިބޭނެ އެންމެ ގިނަ ވޯޓާއެކު ކަންވެސް މަމްދޫހަށް ޔަގީންކަން އެބަ އޮތެވެ.

"އިރާދަކުރެއްވިއްޔާ، ޝައްކެއް ނެތް އަޅުގަނޑުމެން ފުނަދޫ ދާއިރާގެ މި ގޮނޑި ކާމިޔާބު ކުރާނަން، ފުނަދޫ ދާއިރާގެ ތާރިހުގަ ޕީޕީއެމް، ޕީއެންސީއަށް ލިބޭ އެންމެ ގިނަ ވޯޓުން އިރާދަ ކުރެއްވިއްޔާ"
މަމްދޫހް

ފުނަދޫ ރައްޔިތުންގެ ހުވަފެންތައް ހާސިލްކުރެވޭނީ މަމްދޫހް ހޮވައިގެން

ގިނައަދަދެއްގެ ދާއިރާގެ ރައްޔިތުންނާ ހިސާބަށް މަމްދޫހް ވާސިލްވެފައި ވާއިރު އެ ދާއިރާގެ ރަށްތަކުގައި ފެށިފައިވާ މަޝްރޫއުތައް ބާރު ސްޕީޑްގައި ނިންމައި އާންމު ދިރިއުޅުމުގެ ހާލަތު މިއަދަށްވުރެ ރަނގަޅުވާނެ މަގެއް ހޯދައިދިނުމަކީ އެއިން ގިނަ ރައްޔިތުން ބޭނުންވެފައިވާ ކަންތައްތަކެވެ. ނިޒާމް ބައްޓަންވެފައި އޮންނަ ގޮތުން އެ ފަދަ ހުރިހާ ކަމެއްވެސް ކުރެވޭނީ ސަރުކާރުގެ ތެރެއިން ކަމަށް ވާއިރު ސަރުކާރުގެ ވައުދުތައް ފުއްދޭނެ މަގަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރާނެ ބައެއް ބޭނުންވެއެވެ. އެ މަގަށް މަސައްކަތް ކުރެވޭނެ ހަމައެކަނި ކެނޑިޑޭޓްއަކަށް ފުނަދޫ ދާއިރާގައި ތިބި ފަސް ކެންޑިޑޭޓުންގެ ތެރޭގައި ހުންނެވީ މަމްދޫހެވެ.

މަމްދޫހަކީ ދާއިރާގެ ރައްޔިތުންގެ އަޑު އިއްވަން މަޖިލީހަށް ވަޑައިގަންނަވަން ހުންނެވި ކެންޑިޑޭޓެވެ. ސަރުކާރުގެ ތެރެއިން ދާއިރާއަށް ފެހި ފާގަތި ދުވަސްތަކެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރެވެން ފުރުސަތު އޮތް ހަމައެކަނި ކެންޑިޑޭޓެވެ. ސަރުކާރާ ދެކޮޅު ކެންޑިޑޭޓަކު ހޮވައިގެން މާޒީގައި ހިނގާފައިވާ ކަންކަމުން އިޝާރާތް ކުރައްވަމުން މަމްދޫހް ވިދާޅުވީ ބާކީ ތިބި ކެންޑިޑޭޓުން ހޮވައިގެން ފެނިގެން ދާނީ ސަރުކާރަކަށް ޖެއްސުން ކުރުމާއި ސަރުކާރުން ހިންގަން ހުރި މަޝްރޫއުތަކަށް ހުރަސް އެޅުމަށް މަސައްކަތް ކުރައްވާ ތަން ކަމަށެވެ.

ފުނަދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް، މުހައްމަދު މަމްދޫހްގެ ކެމްޕެއިން ހަރަކާތެއް/ ފޮޓޯ: ކެމްޕެއިން ޓީމު

އިދިކޮޅު ކެންޑިޑޭޓަކު ހޮވައިފިނަމަ ޕާޓީގެ ވިޕް ލައިންއާ ހިލާފުވެދާނެތީ އެ ޖެއްސުންތައް ކުރަން މެންބަރުންނަށް މަޖުބޫރުވާތަން މީގެ ކުރިންވެސް މަޖިލީހުގެ ތަޅުމުން ވަނީ ފެނިފައެވެ. އެ ކަންކަމުގެ ހިތިރަހަ އެންމެ ފަހު ވަގުތު ލަނީ އެ ދާއިރާގެ ރައްޔިތުންގެ ކަރުބުޑުގައި ކަމަށް ވާއިރު އެ މަގަށް ކަންތައްތައް ނުދާން އޮތް މަގަކީ ދާއިރާގެ މެޖޯރިޓީ ރައްޔިތުން ގަބޫލު ކުރާހެން ސަރުކާރަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓް، މަމްދޫހް ހޮވައިގެންކަން އޭނާވެސް ފާހަގަ ކުރައްވައެވެ.

އިންތިހާބުވެވަޑައިގެންފިނަމަ މަމްދޫހް އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާނެ މަސައްކަތަކީ ފުނަދޫ، މާއުނގޫދޫ އަދި ޅައިމަގަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑަގެންނެވި ވައުދުފުޅުތައް ފުއްދުމަށް މަޖިލީހުގެ ތެރެއިން ކުރަން ހުރި މަސައްކަތްތައް ކުރެއްވުމެވެ. އެ ރަށްރަށުގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން ސަރުކާރުގެ އެކި ވުޒާރާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަކީވެސް މަމްދޫހް ހާއްސަ އިސްކަމެއް ދެއްވާނެ ކަމެކެވެ.

އެގޮތުން ދާއިރާގެ ރަށްތަކުގެ ރައްޔިތުން އެދޭ ގޮތަށް ފެށިފައިވާ މަޝްރޫއުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ހަލުވި ކަމާއެކު މަޝްރޫއުތައް ނިންމުމަށް މަސައްކަތް ކޮށްދެއްވާނެ މެންބަރަކަށް މަމްދޫހް ވާނެއެވެ.

ފުނަދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް، މުހައްމަދު މަމްދޫހްގެ ކެމްޕެއިން ހަރަކާތެއް/ ފޮޓޯ: ކެމްޕެއިން ޓީމު

އެ ދާއިރާގެ ރަށްތަކަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ކޮންމެ ވައުދުފުޅެއް ރަނުން ރަނަށް ފުއްދަވައިދެއްވުމަށް ކުރައްވަން ޖެހޭ ކޮންމެ މަސައްކަތެއް ކުރައްވަން މަމްދޫހް ހުންނެވީ ތައްޔާރަށެވެ. އެގޮތުން އެ މަސައްކަތުގައި ހުރަސް ކުރައްޖެހޭ ކޮންމެ އޮޅިއެއް ހުރަސްކުރައްވައި ޓަކި ޖައްސަވަން ޖެހިވަޑައިގެން ކޮންމެ ދޮރެއްގައި ޓަކި ޖައްސަވާނެ ކެންޑިޑޭޓަކީވެސް މަމްދޫހެވެ.

މަމްދޫހަށް ގުޅޭނެ، ބައްދަލުވާނެ މެންބަރަކަށް ވާނެ، އެކަން ސާބިތު ކޮށްދޭނެ

ޕްރައިމަރީއިން ފެށިގެން "ބަދަލުގެ އޮއިވަރު" ސްލޯގަން ބޭނުންކުރަމުން އަންނަ މަމްދޫހް ވަނީ އޭގެ މާނަ ވެސް ވިދާޅުވެދެއްވާފައެވެ. އެގޮތުން މަމްދޫހް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ރައްޔިތުންގެ ގާތަށް ގޮސް ރައްޔިތުންނަށް ފެންނަ، ރައްޔިތުންނާ ގުޅޭ މަޖިލިސް މެންބަރަކު އެ ދާއިރާ ތަމްސީލް ކުރަން ހޮވަން ކަމަށާއި އެ މަގަށް ކަންކަން ބަދަލުކުރަން ބޭނުންވެ ވަޑައިގަންނަވާ ކަމަށެވެ. އަދި އެ ސްލޯގަންގެ މާނައަކީވެސް އެއީ ކަމަށް މަމްދޫހް ވިދާޅުވިއެވެ.

މަމްދޫހް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވެވަޑައިގެންނެވުމަށް ފަހު މެންބަރުން ނުފެންނަ ކަމަށާއި ރައްޔިތުންގެ ހާލު ނުބަލާ، ގުޅުމުން ފޯނު ނުނަގާ ވާހަކަތަކަކީ އޭނާވެސް އަޑުއައްސަވާ ވާހަކަތައް ކަމަށެވެ. އެހެންނަމަވެސް މަމްދޫހްއަކީ އެ ގޮތް ބަދަލުކޮށްލައްވާނެ މެންބަރަކަށް ވާނެ ކަމުގެ ޔަގީންކަން އޭނާއަށް އެބަ އޮތެވެ.

ފުނަދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް، މުހައްމަދު މަމްދޫހްގެ ކެމްޕެއިން ހަރަކާތެއް/ ފޮޓޯ: ކެމްޕެއިން ޓީމު

މަމްދޫހް ވިދާޅުވީ ރައްޔިތުން ބޭނުންވާ މަގަށް، ރައްޔިތުން ބޭނުންވާ ގޮތަށް، ރައްޔިތުންގެ ހާލު ބަލައިގެން، ރައްޔިތުން ގުޅީމަ ފޯނުނަގައިގެން، ރައްޔިތުން ކަމެއް ދަމެއް ބޮޑުވީމަ އެކަމެއް ސަރުކާރުގެ ތެރެއިން ކޮށްދީގެން މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ހަމައެކަނި ކެންޑިޑޭޓަކީ އޭނާ ކަމަށެވެ. މަމްދޫހްގެ އެ ހަކަތައާއި ބުންވަރާއި ޖޯރު ހުރިކަން އޭނާ ދަނީ ސާބިތު ކޮށްދެމުންނެވެ. މަމްދޫހް ވިދާޅުވީ ކެމްޕެއިންގެ ޖޯޝާއި ފޯރިިން ވެސް ސާބިތުވެގެންދާނީ އޭނާ ރައްޔިތުންގެ ގާތަށް ވަޑައިގެން މަސައްކަތް ކުރައްވާނެ ކަން ކަމަށެވެ.

"މި ޒުވާން ކަމާއި މި ހިތްވަރުގެ ތެރެއިން މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ވެސް އަދި އަޅުގަނޑަށް ވެސް އޮތް ހަމައެކަނި ކެންޑިޑޭޓަކީ އަޅުގަނޑު"
މަމްދޫހް

21 ވަނަ ގަރުނަށް ލޯހުޅުވިފައިވާ މަޖިލީހަށް އެއްވަނަައިގެ މެންބަރަކަށްވާނެ

މަމްދޫހަކީ ވަކި ރައްޔިތެއް ތަފާތު ނުކުރާނެ ކެންޑިޑޭޓެކެވެ. ފިކުރެއް ކުލައަކަށް ބެލުމެއް ނެތި ރައްޔިތުންގެ އަޑު މަޖިލީހަށް އިއްވާނެ މެންބަރަކަށް ވާނެއެވެ. ކުޑައެއް ބޮޑެއް، އަންހެނެއް ފިރިހެނެއް އޭނާއަށް ތަފާތެއް ނޫނެވެ. ހަމަހަމަކަމާއެކު ދާއިރާގެ ކޮންމެ ރައްޔިތަކަށް ވެސް ފޯރުކޮށްދޭން ޖެހޭ ހިދުމަތް ފޯރުކޮށްދިނުމުގައި ޒައްރެއްގެ މިންވަރުވެސް އޭނާ ތަފާތެއް ނުކުރާނެއެވެ.

ފަހު ބަހަކަށްވެސް މަމްދޫހް ވިދާޅުވީ އިތުބާރުކޮށް ހޮވައިދީފިނަމަ ތަފާތު ނުކުރައްވާނެ ކަމެވެ. ރައީސް މުއިއްޒުގެ މެނިފެސްޓޯއާއެކު ފުނަދޫ ދާއިރާއަށް ފެނިގެންދާނީ ދުވަހަކުވެސް އެ ދާއިރާ ދެކެފައިނުވާ ތަރައްގީއާއި ތަމައްދުނުގެ 5 އަހަރު ކަމުގެ ޔަގީންކަން މަމްދޫހް ދެއްވައެވެ.

ފުނަދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް، މުހައްމަދު މަމްދޫހްގެ ކެމްޕެއިން ހަރަކާތެއް/ ފޮޓޯ: ކެމްޕެއިން ޓީމު

މަމްދޫހަކީ ކުޑަކުދިންނާއި ޒުވާނުންގެ އެކުވެރި މިތުރެކެވެ. އިސް ރަށްވެހިންގެ ހާލު ބައްލަވާ ހިތްތިރި އިހުސާންތެރިއެކެވެ. ވަކި ފަންތިއަކަށް ގިންތިއަކަށް ބެލުމެއްނެތި ހުރިހައި އުމުރުފުރާއަކަށް ނިސްބަތްވާ ދެ ޖިންސްގެ އަފްރާދުންނާއި ގުޅޭ ލާމަސީލު ނަމުނާއެކެވެ. މަމްދޫހްއަކީ 21 ވަނަ ގަރުނުގެ ކަންކަމަށް ލޯހުޅުވިފައިވާ 20 ވަނަ މަޖިލީހުގެ މެންބަރަކަށް ހޮވަން އެއްވަނައިގެ ކެންޑިޑޭޓެކެވެ. ރައްޔިތުން މަޖިލީހުގައި ޒަމާނީ މަސައްކަތްތަކެއް ކުރައްވާނެ މެންބަރެކެވެ. ޒުވާން ޖޯޝާއި ތަޖުރިބާއާއެކު ނިކުމެ ހުންނެވީ ފުނަދޫ ދާއިރާއާއި މުޅި ރާއްޖެއަށްވެސް ނަމޫނާއަކަށް ވެވަޑައިގަންނަވާށެވެ.