މެދުއިރުމަތީގައި ހަނގުރާމައިގެ ހާލަތު އިތުރަށް ގޯސްވެ ވައިގެ ސަރަހައްދު ބަންދުކުރުމުން، ރާއްޖެއިން ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީއަށް ދިޔަ ފްލައިޓެއް ޑައިވާޓްކޮށްފިއެވެ.
ފްލައިޓް ރޭޑާގެ މައުލޫމާތުން ދައްކާ ގޮތުން، ފްލައި ދުބާއީގެ ފްލައިޓެއް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދުބާއީއަށް ދާން ޝެޑިއުލްކޮށްފައި އޮތީ 13:15ގައެވެ.
ނަމަވެސް ޑިލޭވެގެން ބޯޓަށް ފުރުނީ 14:14ގައި ކަމަށް ވެއެވެ. ނަމަވެސް، އެ ބޯޓު ޑައިވާޓުކޮށް, 16:45ގައި އަލުން ވެލާނާ އެއާޕޯޓަށް ޖައްސާނެ ކަމަށް ޝެޑިއުލްގައި ވެއެވެ.
މިއަދު ހެނދުނު އެންމެ ފުރަތަމަ އިރާނަށް ހަމަލާދީފައިވަނީ އިޒްރޭލުންނެވެ. އިރާނުގެ ތެހެރާނަށް ދިން ހަމަލާ އަމާޒުކޮށްފައިވަނީ ރައީސް އޮފީހާއި ގައުމީ ސަލާމަތީ ކަންކަމާ ބެހޭ އޮފީސްތައް ހުންނަ ޕާސްޗަ ސްޓްރީޓްގެ އިތުރުން ސުޕްރީމް ލީޑަރުގެ ކޮމްޕައުންޑާއި އަދި އެސެމްބްލީ އޮފް އެކްސްޕާޓްސް ކައިރިއަށެވެ.
މި ހަމަލާއާއި އެކު އިޒްރޭލުން އިރާނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައިވާއިރު، އިޒްރޭލުން ވަނީ އެގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. އަދި މުޅި އިޒްރޭލުގައި ސައިރަން އަޅާފައިވާއިރު އިޒްރާލުން މިހާރު ވަނީ ފަލަސްތީނުގެ ވައިގެ ސަރަހައްދުވެސް ބަންދުކޮށްފައެވެ.
އިޒްރޭލުން އިސްވެ ފެށި ހަމަލާތަކުގައި އެމެރިކާއިންވެސް ބައިވެރިވާކަން އިއުލާންކޮށްފައިވާއިރު އީރާންގެ ރައީސް އަވަހާރަކޮށްލަން ރިޔާސީ ގަނޑުވަރަށްވެސް ވަނީ ހަމަލާތައް އަމާޒުކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުން އީރާންގެ އެންމެ މަތީވެރިޔާ އާޔަތުﷲ ހާމަނާ ވަނީ ހަމަލާތަކެއް އައިސްދާނެތީ ތެހްރާން ދޫކުރައްވައި ރައްކާތެރި ހިސާބަކަށް ބަދަލުވެފައެވެ.
އިރާންގެ ތެހްރާންގެ އިތުރުން، ގޫމް ސިޓީ އާއި އީރާންގެ އުތުރުގައި އޮންނަ ތަބްރިޒް ސަރަހައްދަށް ވެސް އިޒްރޭލުން ވަނީ ވައިގެ މަގުން ހަމަލާތައް ދޭން ފަށައެވެ. އަދި އިރާންގެ ރައްޔިތުން އެ ގައުމުގެ ސަރުކާރާ ދެކޮޅަށް ނުކުތުމަށް ގޮވާލަމުން އަންނައިރު އިޒްރޭލުން ވަނީ އަގްސާ މިސްކިތްވެސް ބަންދުކޮށްފައެވެ.
މިދިޔަ އަހަރުގެ ޖޫން މަހު ވެސް އިޒްރޭލުން އީރާނަށް ހަމަލާ ދިނުމާ އެކު ހަނގުރާމަ ފެށުނެވެ. އެފަހަރު 12 ދުވަސް ވަންދެން އިޒްރޭލާއި އީރާނުން މިސައިލާއި ޑްރޯނުން ހަމަލާ ބަދަލުކޮށްފައިވެއެވެ. އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާއިރު، ވަރަށް ގިނަ އެއާލައިންތަކުން ވަނީ އެ ސަރަހައްދަށް ފްލައިޓުތައް ކެންސަލްކޮށްފައެވެ.
