ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިތުރަށް ތަރައްގީކުރުމަށް ކުވައިތާއެކު މަޝްވަރާތަކެއް ކޮށްފިއެވެ.

މިހާރު ސައުދީ އަރަބިއްޔާގައި ކުރިއަށްދާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް ގްރޫޕުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވަނީ ކުވައިތުގެ ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލް ޑރ. މާޖިދު ސުލައިމާން އަލްއާޒިމީއާ އާއި ބައްދަލުކުރައްވާފައެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މި ބައްދަލުވުމުގައި ރާއްޖޭގެ ޒަކާތު ހައުސް ތަރައްގީކުރުމާއި މުވައްޒަފުންނާއި ޝަރީއާ ބޯޑް ތަމްރީނު ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށާއި، ޒަކާތުގެ ބެހެނިވެރިންގެ ޝަރުއީ މިންގަނޑުތަކާ ބެހޭގޮތުންވެސް މަޝްވަރާކޮށްފައިވާކަމަށެވެ.

ރައީސް ޑރ. މުއިއްޒު ވަނީ "ދިވެހިރާއްޖޭގެ ޒަކާތު ހައުސް" ގެ ނަމުގައި ޒަކާތުގެ ކަންކަން މަތިވެރިކޮށް، ޒަކާތުގެ ހައްގުވެރިންނަށް ޒަކާތުގެ މަންފާ ލިބޭނެ މަގު ފަހިކޮށްދިނުމަށް ހާއްސަ އިދާރާއެއް އުފައްދަވާފައެވެ. އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ މި އިދާރާ އުފައްދަވާފައިވަނީ 18 ޑިސެމްބަރު 2023 ގައެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި އިދާރާ އުފެއްދުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްގީކުރުމަށް ކަމަށެވެ.