ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީއިން 3 ރަށެއްގައި އަޟްހާ އީދު ދުވަސް ފާހަގަ ކުރަން ނިންމައިފިއެވެ.
ހެރިޓޭޖް މިނިސްޓްރީއިން ވަނީ އެ މިނިސްޓްރީއާ ގުޅިގެން މި އަހަރުގެ އަޟްހާ އީދު ފާހަގަ ކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.
ހެރިޓޭޖް މިނިސްޓްރީއިން ބުނީ ފަރާތުން މިއަހަރު އަޟްހާ އީދު ފާހަގަ ކުރުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ ތިން ރަށެއްގައި ކަމަށެވެ. އެގޮތުން ހުށަހަޅާ ޕްރޮޕޯޒަލްތަކުގެ ތެރެއިން އަޟްހާ އީދު ފާހަގަކުރާނެ 3 ރަށެއް ކަނޑައަޅާނީ އަޟްހާ އީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކައުންސިލުން ކުރައްވާނެ ހަރަދުތަކާއި، އަދި އަގެއް ނުނަންގަވާ އެރަށަކުން ކޮށްދެއްވާނެ ކަންތައްތަކުގެ މައްޗަށް ބެލުމަށްފަހު ކަމަށް ހެރިޓޭޖް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ހެރިޓޭޖް މިނިސްޓްރީއާ ގުޅިގެން އެއްވެސް ރަށަކުން މި އަހަރުގެ އަޟްހާ އީދު ފާހަގަ ކުރުމަށް ބޭނުންވާނަމަ އެ ރަށްރަށުން ޕްރޮޕޯޒަލް ތައްޔާރު ކުރެއްވުމަށްފަހު މެއި 9 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން އެ މިނިސްޓްރީއަށް ޕްރޮޕޯޒަލް އީމެއިލް ކުރުމަށް އެ މިނިސްޓްރީއިން ވަނީ އެދިފައެވެ.
ހުށަހަޅާ ޕްރޮޕޯޒަލްގައި ރަށުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދާއި، އާންމުކޮށް ދިރިއުޅޭ މީހުންގެ އަދަދާއި ރަށުގެ ބޮޑުމިނާއި އީދުގައި ރަށަށް ޒިޔާރާތް ކުރާނެ ކަމަށް ލަފާ ކުރެވޭ މީހުންގެ އަދަދު ހިމަނަންޖެހޭނެ ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ. އަދި ރަށުން ލިބެން ހުރި އެކޮމޮޑޭޝަންގެ އަދަދާއި ދަތުރުފަތުރުގެ އިންތިޒާމުތަކުގެ އިތުރުން ވޭތުވެދިޔަ އަހަރުތަކުގައި އީދުގައި ކުޅޭ ކުޅިވަރުތަކުގެ ތަފްސީލް ހިމެނުމަށް މިނިސްޓްރީއިން ވަނީ އަންގާފައެވެ.
އޭގެއިތުރުން އަޟްހާ އީދުގެ 3 ދުވަހު ކުރިއަށް ގެންދާނެ ހަރާކާތްތައް ހިމަނަންވާނެ ކަމަށާއި އީދުގެ ހަރަކާތްތަކުގައި އިސްރަށްވެހިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބައިވެރިވެވޭފަދަ ކުޅިވަރުތައް ހިމަނަންވާނެ ކަމަށް ވެސް ހެރިޓޭޖް މިނިސްޓްރީއިން ބުނެއެވެ. އަދި ހަރަދުވާނެ ކަމަށް ލަފާ ކުރެވޭ ޖުމްލަ ފައިސާގެ އަދަދުގެ އިތުރުން ހެރިޓޭޖް މިނިސްޓްރީއިން ފޯރުކޮށްދިނުމަށް އެދޭ ފައިސާގެ އަދަދު ޕްރޮޕޯޒަލްގައި ހުށަހަޅަން މިނިސްޓްރީއިން ވަނީ އަންގާފައެވެ.