ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަގާމަށް ސ.ހިތަދޫ، ސަންސެޓްވިލާ، ހީނާ ވަލީދު މިއަދު އައްޔަން ކޮށްފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަގާމުގެ މަސްއޫލިއްޔަތާ އަންހެން ބޭފުޅަކު ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ރައިސް އޮފީހުން ބުނީ، އެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ކަމަށް ހީނާ ވަލީދު އައްޔަން ކޮށްފައި ވަނީ، މިހާރު އޭނާ ހުންނެވި އެންސްޕާގެ ސީއީއޯގެ މަގާމު އަދާކުރައްވަމުން ގެންދަވާ ގޮތަށް ކަމަށެވެ. އަދި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަންގެ ގޮތުގައި ހީނާ ވަލީދު ހިދުމަތް ކުރައްވަމުން ގެންދަވާނީ، މުސާރަ ނުނަންގަވާ މަގާމެއްގެ ގޮތުގައި ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

މީގެ ކުރިން ހީނާ ވަލީދު ވަނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕޮލިޓިކަލް ޑިރެކްޓަރު ކަމާއި، ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާގެ ގިނަ މަގާމުތަކެއް ފުރުއްވާފައެވެ. އަދި ރާއްޖޭގެ ގައުމީ މީޑިއާގައި ދިގު މުއްދަތަކު ހިދުމަތް ކުރައްވާފައެވެ. ޕަބްލިކް ސާވިސް މީޑިއާގެ ހެޑް އޮފް ނިއުސްގެ މަގާމު ވެސް ހީނާ ވަލީދު ވަނީ އަދާކުރައްވާފައެވެ.

ހީނާ ވަލީދު މަތީ ތައުލީމު ހާސިލްކުރައްވާފައި ވަނީ މާސް ކޮމިއުނިކޭޝަން ޖާނަލިޒަމް އެންޑް އެޑްވަޓައިސްމަންޓްގެ ދާއިރާއިންނެވެ.