މިއަދު ކުރިއަށް ގެންދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއިން ކާމިޔާބު ކޮށްފިއެވެ.
ޕީއެންސީއިން ސުޕާ މެޖޯރިޓީ ކާމިޔާބުކޮށްފައި ވާއިރު އެ ޕާޓީއިން ވަނީ މަޖިލީހުގެ 90 ދާއިރާއަކަށް ވާދަކޮށްފައެވެ.
މިއަދު ހެނދުނު 08:00 އިން ފެށިގެން ހަވީރު 05:30 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ނިމި ވަގުތީ ނަތީޖާ ވަނީ އިއުލާން ކުރަން ފަށާފައިވާއިރު ވަގުތީ ނަތީޖާ ދައްކާގޮތުން މިހާތަނަށް ޕީއެންސީއިން ވަނީ 62 ގޮނޑި ކާމިޔާބުކޮށްފައެވެ.
އަބަދުވެސް އެމްޑީޕީއިން މެޖޯރިޓީ ހޯދަމުން އަންނަ އައްޑޫ ސިޓީގެ މެޖޯރިޓީ ވެސް މި އިންތިހާބުގައި ވަނީ އެ ޕާޓީއަށް ގެއްލިފައެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީއަށް ކާމިޔާބު ކުރެވިފައި ވަނީ އައްޑޫގެ އެންމެ ގޮނޑިއެކެވެ. އަދި ޕީއެންސީއިން އައްޑޫގެ 5 ގޮނޑި ކާމިޔާބު ކޮށްފައި ވާއިރު އަމިއްލަ ކެންޑިޑޭޓަކު ވަނީ އައްޑޫ ސިޓީގެ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކޮށްފައެވެ.
އައްޑޫ ސިޓީގެ އިތުރުން ފުވައްމުލަކު ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ތިނަދޫ ސިޓީއިން ވެސް މެޖޯރިޓީ ހޯދާފައި ވަނީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. މަޖިލީހުގެ ސުޕާ މެޖޯރިޓީ ހޯދުމަށް އެއް ޕާޓީއަކުން 47 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބު ކުރަން ޖެހެއެވެ.
ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޮތީ އޭރުގެ ސަރުކާރު ނިސްބަތްވާ އެމްޑީޕީގެ މެޖޯރިޓީއެވެ. ނަމަވެސް މި އިންތިހާބުގައި ޕީއެންސީއިން މެޖޯރިޓީ ހޯދާފައި ވަނީ ޒަމާނުއްސުރެ އިދިކޮޅު އެމްޑީޕީއިން ކާމިޔާބު ކުރަމުން އަންނަ ގޮނޑިތައް ކާމިޔާބު ކޮށްގެންނެވެ.
އީސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ހަވީރު 5:00 އާ ހަމައަށް ޖުމްލަ 207،693 މީހުން ވަނީ ވޯޓު ލާފައެވެ. އެއީ ވޯޓު ލެވޭ މީހުންގެ އާބާދީގެ 72.96 ޕަސެންޓު މީހުންނެވެ. 5:00 އާ ހަމައަށް ވޯޓުލައްވާފައި ވަނީ 102،867 އަންހެނުންނާއި 104،826 ފިރިހެނުން ކަމަށް އީސީ އިން ވަނީ ބުނެފައެވެ.
މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން 130 ކެންޑިޑޭޓަކު ވާދަކޮށްފައި ވާއިރު 7 ސިޔާސީ ޕާޓީން 238 ފަރާތެއް ވަނީ ވާދަކޮށްފަވެ. އެއީ 326 ފިރިހެނުންނާއި 42 އަންހެނުންނެވެ.