އިޒްރޭލުން ގާޒާގެ މެދުތެރޭގެ ހާން ޔޫނިސް އަށް އަރާ ހިންގި ގަތުލުއާންމުގައި ނާސިރް ހޮސްޕިޓަލް ފުނޑުފުނޑު ކޮށްލައި އެތަނުން ފައިބައިގެން ދަމުން ޝަހީދުކޮށް ވަޅުލާފައި ވަނިކޮށް ފެނުނު މީހުންގެ އަދަދު 180 އަށް އަރައިފިއެވެ.

ގާތްގަނޑަކަށް 200 އެއްހާ މީހުން ކަނު ބަނދެ ދެއަތް ފުރަގަހަށްލައި ބަޑީޖަހާ ޝަހީދުކޮށް ވެލި އަޅާ ވަޅުލާފައި ވަނިކޮށް ފެނުނު ހަށިގަނޑުތައް ގާޒާގެ އޮފިޝަލުން މިހާރު ދަނީ ނަގާ ކަފުންކޮށް އެހެން ތަނެއްގައި ވަޅުލުމުގެ މަސައްކަތް ކުރަމުންނެވެ.

ގާޒާގެ ރައްޔިތުން ކަރުނުން ރޮއްވާލި މިހާދިސާ އަކީ ޔަހޫދީ ގާތިލުން ހިންގާފައި ވާ ގަތުލުއާންމެކެވެ.

ހާން ޔޫނިސްގައި ދެން ކުރާނެ ކަމެއް ނެތޭ ބުނެ އެޕްރީލް 7 ވަނަ ދުވަހު ޔަހޫދީ ސިފައިން އެތަނުން ފައިބައިގެން ދިޔުމުން ރައްޔިތުން ދުއްވައިގަތީ އެމީސް މީހުންގެ އާއިލާއާއި ރައްޓެހިންނާއި ރައްޔިތުން ހޯދުމަށެވެ. އެމީހުންނަށް ފެނުނީ ފުނޑުފުނޑު ކޮށްލައި މުޅިތަން ފަސްބާޑި ޖަހާފައި އޮތް ހޮސްޕިޓަލްގެ ކޮމްޕައުންޑުން އެމީހުންގެ އާއިލާތަކާއި ރައްޓެހިންނައި ރަހުމަތްތެރިން ވަޅުލާފައި ވަނިކޮށެވެ.

ނާސިރް ހޮސްޕިޓަލްގެ ކޮމްޕައުންޑްގައި ވަޅުލާފައި ވަނިކޮށް ފެނުނު ހަށިތައް

ޝަހީދު ކޮށްލި މީހުންގެ ތެރޭގައި ދުވަސް ވީ މީހުންނާއި, އަންހެނުންނާއި ކުޑަކުދިންނާއި ތުއްތު ކުދިން ހިމެނެއެވެ.

މީގެ ކުރިން އަލް ޝިފާ ހޮސްޕިޓަލް ދޫކޮށް ޔަހޫދީ ސިފައިން ފޭބުމުން އެތަން ބަލައި ފާސްކުރި އިރުވެސް އެތަން މިތާނގައި ވަޅުލާފައިވާ މީޙުންގެ ހަށިތައް ފެނިފައި ވެއެވެ. އެއީ ގާޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ނަމަވެސް ނާސިރް ހޮސްޕިޓަލްގެ ކޮމްޕައުންޑްގައި ވަޅުލާފައި ވާ މީހުން ތިބީ ބޮޑު އެއް ވަޅުގަނޑަށް އަޅާފައެވެ.

އިޒްރޭލުން ގާޒާގެ ދެކުނާއި މެދުތެރެއިން ފައިބާފައި ވާ އިރު ވައިގެ މަގުން ދެމުން ގެންދާ ހަމަލާތައް އަދިވެސް ހުއްޓައެއް ނުލައެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކު ޝަހީދު ކޮށްލަމުން ދާ އިރު މިހާތަނަށް 34,000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. ޒަހަމްވި މީހުންގެ އަދަދު 80,000 ފަހަނަ އަޅާ ވަނީ ގޮސްފައެވެ.

ހަމަލާތަކަށް 7 މަސް ވެގެން ދާއިރު ގާޒާގެ ކޮންމެ ދުވަހަކީ ކަރުނައިން ތެންމާލައި ދުވަހެއް ނަމަވެސް ގާޒާގެ ރައްޔިތުންގެ ރޯލާނެ އިތުރު ކަރުނައެއް ވެސް ނެތް ކަމަށް ޔުނިސެފް ފަދަ ޖަމާއަތްތަކުން ބުނެފައި ވެއެވެ. ޔުނިސެފުން ބުނީ ކާން ބޯން ނުދީ ބަނޑަށް ޖައްސާ ގާޒާގެ ތުއްތު ކުދިން އިޒްރޭލުން މަރަމުން ގެންދާއިރު އެކުދިންގެ ގައިގައި ރޯލާނެހާ ހިއްވަރުވެސް ނެތް ކަމަށެވެ.

މިއަދުވެސް އިޒްރޭލުން ވަނީ, މިވަގުތު އެންމެ ގިނަ އަދަދެއްގެ ރެފިއުޖީން ތިބި ރަފާ ކޭމްޕަށް ހަމަލާ ދީ 22 މީހަކު ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި 18 ކުޑަކުދިން ހިމެނެއެވެ. އިޒްރޭލުން ގާޒާއަށް ހަމަލާ ދީ ސުންނާފަތި ކުރަން ފެށުމުން ސަލާމަތްވާން 2.3 މިލިއަން މީހުން ގޮސް މިވަގުތު ތިބީ ރަފާގައެވެ.