ކިނބިދޫ ދާއިރާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދާއިރާގެ ދަރި، އަލީ އަޝްރަގު އިންތިހާބުވެވަޑައިގެންފިއެވެ.

މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވީ މިހާރުވެސް އެ ދާއިރާ ތަމްސީލް ކުރަމުންދާ އެމްޑީޕީގެ މެންބަރު މުހައްމަދު ނާޝިޒެވެ.

ނާޝިޒަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން މެނޭޖަރުގެ އިތުރުން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރެވެ. އޭގެ އިތުރުން ނާޝިޒަކީ އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވެ އުޅުއްވާ، އައްޑޫ މީދޫ ދާއިރުގެ މެންބަރު ރޮޒައިނާ އާދަމްގެ ފިރިކަލުންނެވެ.

ތަފާތު ބޮޑުކޮށް އަޝްރަގު ކިނބިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފައިވާއިރު މިހާތަނަށް އެ ދާއިރާއަށް ކުރިއެރުން ނައިސްފައިވާ އެންމެ ބޮޑު ސަބަބަކަށްވެފައިވަނީ ދާއިރާގެ މީހަކު އެ ގޮނޑި ތަމްސީލްކުރަން ނެތުމުންކަން ރައްޔިތުން ގަބޫލުކުރެއެވެ.

އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި "ދަ ޕްރެސް" އަށް ދެއްވި އިންޓަވިއުއެއްގައި އަޝްރަގު ވަނީ އެ ދާއިރާގެ ވަކި ވަކި ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ލިބިފައިވާ ކަންބޮޑުވުންތައް ފާހަގަކުރައްވާ އެކަންކަން ހައްލުކޮށްދެއްވުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ..