ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހުރިހާ ކައުންސިލްތަކާ ބައްދަލުކުރަން ރަށްރަށަށް ވަޑައިގަންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ މިހާރު ތ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކިނބިދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ތ އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ގާތްގަނޑަކަށް ހުރިހާ ކައުންސިލަކާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކޮށް ނިމިއްޖެ ކަމަށާއި އަބަދުވެސް ބޭނުންވަނީ ރައްޔިތުން ގާތުން މަސައްކަތްކުރަން ކަމަށެވެ. އަދި މާލެ ސިޓީގެ މޭޔަރަކަށް ހުންނެވި އިރުވެސް މަސައްކަތް ކުރެއްވީ ރައްޔިތުންގެ ގާތަށް ގޮސް ކަމަށާއި މިހާރުވެސް މަސައްކަތްކުރަން ބޭނުންވަނީ އެގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ހުންނަވާ ތަނަކަށް ނުވަތަ އޮފީހަށް ކައުންސިލް ގެނެސްގެން ކައުންސިލާ ބައްދަލުކުރާކަށް ބޭނުންވެވަޑައި ނުގަންނަވާ ކަަމަށާއި ކައުންސިލް އޮތް ތަނަށް ވަޑައިގަންނަވަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. އަދި ތ އަތޮޅުގެ ދަތުރުފުޅު ނިންމަވާ، އަންނަ ހަފްތާގައި ރާއްޖެއިން ބޭރު ވަޑައިގަތުމަށްފަހު އެނބުރި ވަޑައިގެން އެހެން ރަށްރަށަށް ވަޑައިގެން ކައުންސިލްތަކާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގާތްގަނޑަކަށް އެއް މަސް ތެރޭގައި ހުރިހާ ކައުންސިލްތަކާއެކު ބައްދަލުކުރަން ވަޑައިގަންނަވާނެ ކަމަށާއި ހުރިހާ ރަށަކަށް ނުދެވުނަސް އަތޮޅުތަކުން ހޮވާލެވޭ ވަކި ވަކި ރަށްރަށަށް ކައިރީގެ ކައުންސިލްތަކުން ވަޑައިގެން ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ރަށް ރަށުގެ ކައުންސިލްތަކާއެކު ބައްދަލުކުރައްވާ، ރައްޔިތުން ބޭނުންވާ ކަންކަން ފަސޭހައިން ފަހިވާގޮތަށް ކަންކަން ބައްޓަންކޮށްދެއްވާނެ ކަމަށެވެ. އަދި އޭރުން މަހެއްހާ ދުވަސް ތެރޭގައި އެމަނިކުފާނަށް ހުރިހާ ރަައްޔިތުން ތަމްސީލުކުރާ ހުރިހާ ކައުންސިލްތަކާ ބައްދަލުކުރެވިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އޭރުން ރައްޔިތުންނާ ގާތުން މަސައްކަތްކުރުމުގެ ފަސޭހަކަމާއި ހިތްހަމަ ޖެހުން ލިބިގެންދާނެ ކަމަށެވެ.