މިއަދު ކުރިއަށް ގެންދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުން ނިމުމާއެކު ބައެއް މަރުކަޒުތަކުގައި ވޯޓު ގުނުމުގެ މަސައްކަތް ފަށައިފިއެވެ.

އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00ގައި ފަށާފައިވާއިރު ކިއުތައް ބަންދުކޮށްފައި ވަނީ ހަވީރު 5:30 ގައެވެ. 5:30 ގައި ކިއުގައި ތިބި މީހުންނަށް އީސީއިން ވަނީ ވޯޓުލުމުގެ ފުރުސަތު ދީފައެވެ.

ވޯޓުލުން ފެށުން ލަސްވިޔަސް ނުވަތަ މެދުކެނޑުނު ނަމަވެސް 5:30ގައި ކިއު ބަންދުވާނެ ކަމަށް އީސީއިން ވަނީ އަންގާފައެވެ. އަދި ކިއު ބަންދުކުރުމަށްފަހު އިތުރު އެއްވެސް ފަރާތަކަށް ކިޔުއަށް އެރުމުގެ ފުރުސަތު ނުދޭނެ ކަމަށް ވެސް އީސީއިން ބުނެފައިވެއެވެ.

މިއަދު ހަވީރު 5:00 އާ ހަމައަށް ޖުމްލަ 207،693 މީހުން ވޯޓު ލާފައިވާކަމަށް އީސީއިން ވަނީ ބުނެފައެވެ. އެއީ ވޯޓު ލެވޭ މީހުންގެ އާބާދީގެ 72.96 ޕަސެންޓު މީހުންނެވެ. 5:00 އާ ހަމައަށް ވޯޓުލައްވާފައި ވަނީ 102،867 އަންހެނުންނާއި 104،826 ފިރިހެނުން ކަމަށް އީސީ އިން ވަނީ ބުނެފައެވެ.

މިއަދުގެ އިންތިހާބުގައި މާ ބޮޑު ހަމަޖެހުންތަކެއް ހިނގާފައިނުވީ ނަމަވެސް ވޯޓު ކަރުދާސް ދެއްކި މައްސަލައަކާއި ގުޅިގެން މާލެއިން އެކަކު އަދި ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގާލައި ވޯޓުލުމަށް ހުރަސްއެޅި މައްސަލައަކާ ގުޅިގެން ގދ. ފިޔޯރީއިން ދެ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.