މާލެ ސަރަހައްދަށް އިހުސާސް ކުރެވޭ ހޫނު މިން ހުރީ 44 ޑިގްރީގައި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އޮފީހުން މިއަދު ބުނެފިއެވެ.
މެޓު އޮފީހުން ބުނީ މިއަދު އެންމެ ހޫނު ގަދަވާނީ މާލެ ސަރަހައްދަށް ކަމަށާއި ދެން އެންމެ ހޫނު ގަދަ ވާނެ ކަމަށް ލަފާކޮށްފައި ވަނީ އުތުރުގެ ރަށްތަކަށެވެ. އެގޮތުން މިއަދު 11:00 އާ ހަމައަށް އުތުރުގެ ރަށްތަކުގައި އިހުސާސް ކުރެވޭ ހޫނުމިން ހުރީ 43.7 ޑިގްރީގައެވެ. ދެކުނުގެ ރަށްތަކަކަށް ހޫނުމިން 42.8 ޑިގުރީގައި ހުރި އިރު ލ. އަތޮޅުގައި ހޫނުމިން ހުރީ 31.9 ޑިގުރީގައި ކަމަށް މެޓުން ބުނެއެވެ.
މެޓް އޮފީހުން ބުނި ގޮތުގައި މާޗް އަދި އެޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދަށް ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރެވެ. ރާއްޖެއަށް މި ދުވަސް ވަރު ހޫނުމިން މަތިވެފައި ވާ އިރު އެންމެ ހޫނު ގަދަވާނެ ކަމަށް ލަފާ ކޮށްފައި ވާ ވަގުތަކީ މެންދުރު ފަހުގެ 2 ޖަހާ ހާއިރެވެ.
ވޯޓު ލާ މަރުކަޒުތަކުގައި މިވަގުތު އޮތީ ދިގު ކިއު ދަމާލާފައެވެ. މަޖިލިސް އިންތިހާބުގެ ވޯޓުލުން ހެނދުނު 8 ޖަހާއިރުން ފެށިގެން ކުރިއަށް ދާއިރު މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ ހަވީރު 5:30 އަށެވެ.
މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން 130 ކެންޑިޑޭޓަކު ވާދަ ކުރާއިރު ހަތް ސިޔާސީ ޕާޓީން 238 ފަރާތެއް ވާދަ ކުރެއެވެ. އެއީ 326 ފިރިހެނުންނާއި 42 އަންހެނުންނެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި 602 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމައިފައެވެ. މާލޭގައި 181 އަދި ހުޅުމާލޭގައި 51 ވޯޓު ފޮށި ބަހައްޓައެވެ.
މިހާރު ކުރިއަށްދާ މަޖިލީހުގެ އިންތިހާބުގައި ޖުމްލަ 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 145،302 ފިރިހެނުންނާއި، 139،361 އަންހެނުންނެވެ.