ރަޝިއާގެ އެންމެ އެޑްވާންސް "ޓޫޔޫ-22އެން3" މަރުކާގެ ބޮން އަޅާ ބޯޓެއް ގޮއްވާލައިފައި ވާކަމަށް ޔޫކްރައިނުން ބުނާ އިރު އެއީ ދޮގެއް ކަމަށް ރަޝިއާއިން ބުނެފިއެވެ.

2022 ގައި ހަނގުރާމަ ފެށިފަހުން ފުރަތަމަ ފަހަރަށް މި މަރުކާގެ ބޯޓެއް ވައިގެ ތެރޭގައި ގޮވާފައި ވާ އިރު ޔޫކްރައިން އިން ބުނަނީ ބޯޓު ގޮއްވާލީ އެންޓި އެއާކްރާފްޓް މިސައިލް ސިންޓަމުން ކަމަށާއި ހަމަލާ ދިނީ ރަޝިއާގެ ވައިގެ ސަރަހައްދުގައި އޮއްވާ ކަމަށެވެ. އަދި ހަމަލާ ދިން އިރު ބޯޓު އޮތީ ޔޫކްރައިންގެ ބޯޑަރާ 300 ކިލޯމިޓަރު ދުރުގައި ކަމަށާއި ބޯޓު ގޮއްވާލީ މިސައިލް ހަމަލާ ދިނުމަށް ފަހު އަނބުރާލައި ދާން އުޅެނިކޮށް ކަމަށެވެ.

މި ކާމިޔާބީ ޔޫކްރައިން އިން ފާހަގަ ކުރާ އިރު ރަޝިއާގެ އިދާރާތަކުން ބުނެފައި ވަނީ ބޯޓު ގޮވީ ހަމަލާ ދިނުމަށް ފަހު އަނބުރާ އެއާ ބޭސްއަށް ދާން އުޅުމުގެ ތެރޭގައި ދިމާވި ޓެކްނިކަލް މައްސަލައެއްގައި ކަމަށެވެ. އަދި އެވަގުތު ބޯޓުގައި ތިބި 4 ފަޅުވެރިން ވައިކުޑައިގައި ބޭރަށް ނިކުތް ކަމަށާއި ލިބުނު އަނިޔާތަކުގައި އެކަކު މަރުވެފައި ވާ އިރު 2 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި 4 ވަނަ މީހާ ގެއްލިފައި ވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުނެފައި ވެއެވެ.

ދުރުން ހަމަލާދޭ މިވައްތަރުގެ އެޑްވާންސް ބޯޓުތަކަކީ އާންމުކޮށް ރަޝިއާގެ ވައިގެ ސަރަހައްދުގައި އޮވެ ޔޫކްރައިން އަށް ހަމަލާ ދިނުމަށް ބޭނުން ކުރާ ބޯޓުތަކެކެވެ. މި ބޯޓު ގޮވުމުގެ ކުރިން ފޮނުވާލި މިސައިލް ހަމަލާތަކުގައި ޑިނިޕްރޯ ސަރަހައްދުން 9 މީހަކު މަރުވެ ބައެއް އިމާރާތްތަކަށް ގެއްލުން ވެ 28 މީހަކު ޒަހަމްވެފައި ވާ ކަމަށް ޔޫކްރައިންގެ އިދާރާތަކުން ބުނެފައި ވެއެވެ.

މީގެ ކުރިން މިދިޔަ އަހަރުގެ އޯގަސްޓް މަހު ޔޫކްރައިން އިން މި މަރުކާގެ ބޯޓަށް ހަމަލާ ދީފައި ވެއެވެ. ނަމަވެސް އެ ފަހަރު ހަމަލާ ދިނީ ބޯޓުތައް އެއާބޭސްގައި ޖައްސާފައި އޮއްވައެވެ.

މިހާދިސާގައި އަސްލު ކަންވީގޮތް ސުވާލެއްގެ ތެރޭގައި އޮތް އިރު ޔޫކްރައިން އިން ބުނެފައި ވަނީ، މިވަގުތު ޔޫކްރައިން އަށް ބޭނުންވަނި އެމެރިކާގެ އެޑްވާންސް އެއާ ޑިފެންސް ސިސްޓަމްތައް ކަމަށާއި، އިޒްރޭލާ ހިލާފަށް، ހަތިޔާރު ދިނުމުން ފުދޭނެ ކަމަށެވެ. އިޒްރޭލުގައި ހަތިޔާރާއެކު ހުޅަނގުގެ ފައުޖުތަކުން ހަރަކާތްތެރި ވެއެވެ. އެގޮތުން އެމެރިކާ، އިނގިރޭސިވިލާން އަދި ފްރާންސްގެ އަސްކަރީ އުޅަނދުތަކާއި ސިފައިން އިޒްރޭލު ސިފައިންނާއެކު ގާޒާ ހަނގުރާމައިގައި ދަނީ ބައިވެރިވަމުންނެވެ. އެއްގަމު މަގުން ގާޒާއަށް އަރާ އިޒްރޭލުން ހިންގާ އޮޕަރޭޝަނުގައި ވެސް ބޭރުގެ ސިފައިން ހަރަކާތްތެރިވާ ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އެމެރިކާއިން ބުނެފައި ވަނީ އެގައުމުގެ ފައުޖުތަކާއި އުޅަނދުތައް ހަރަކާތްތެރި ވަނީ އިޒްރޭލު ދިފާއުކުރުމުގައި ކަމަށާއި އެއްގަމު މަގުން ގާޒާއަށް ނާރާ ކަމަށެވެ.

ޔޫކްރައިންގެ ހަނގުރާމަ އަކީ ހުޅަނގާއި އެމެރިކާއިން ޔޫކްރައިން ލައްވާ ކުރާ ހަނގުރާމަ އަކަށް ވާއިރު، ޔޫކްރައިން އަށް ބޭނުންވާ އިތުރު އެއާ ޑިފެންސް ސިސްޓަމްތައް ވަރަށް އަވަހަށް ފޯރުކޮށްދޭނެ ކަމަށް ނޭޓޯ އިން ބުނެފައި ވެއެވެ. އަދި ޔޫކްރައިން އަށް އެެމެެރިކާއިން މިބުރުގައި ދޭން މަސައްކަތް ކުރާ 61 ބިލިއަން ޑޮލަރުގެ އަސްކަރީ ޕެކޭޖް މި ހަފްތާ ބަންދުގައި އެމެރިކާގެ ކޮންގްރެސް އިން ފާސް ކުރާނެ ކަމަށް ބެލެވެއެވެ. މި ޕެކެޖާއެކު އެމެރިކާއިން އިޒްރޭލަށް ދޭން ކަނޑައަޅާ 14 ބިލިއަން ޑޮލަރުގެ ޕެކޭޖްވެސް ފާސް ކުރާނެއެވެ.