އިންޑިއާގައި މިއަދު ފެށިގެން 6 ހަފްތާގެ މުއްދަތަށް ކުރިއަށް ދާ އާންމު އިންތިހާބުގައި އިދިކޮޅު ލީޑަރު ގޮވާލެއްވީ ގައުމުގެ ހުރިހާ ސަރަހައްދެއްގައި "މޮހައްބަރު ކީ ދުކާން" [ލޯބީގެ ފިހާރަ] ހުޅުވައި ރުޅިވެރިކަން ނިމުމަކަށް ގެނައުމަށެވެ.

އޭނާ ވިދާޅުވީ އިންޑިއާގެ މުސްތަގުބަލު އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށާއި މިއަދު ލާ ވޯޓަކީ އިންޑިއާގއި ޑިމޮކްރަސީ ދެމި އޮތުމާއި ނުއޮތުމުގެ މައްޗަށް ލެވޭ ވޯޓެއް ކަމަށެވެ.

މޮހައްބަތުކީ ދުކާން ހުޅުވަން ރާހޫލް ގޮވާލެއްވީ ވެރިކަން ކުރާ ބީޖޭޕީގެ ފަރާތުން އިންޑިއާގެ ތެރޭގައި ރުޅިވެރިކަން އުފައްދަމުން ގެންދާ ކަމަށް ތުހުމަތު ކުރައްވައި އެކަމާ ޗެލެންޖް ކުރެއްވުމުގެ ގޮތުންނެވެ. އިދިކޮޅާއި އަދި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކިއެކި ފަރާތްތަކުން ބުނާގޮތުގައި ބީޖޭޕީގެ ސަރުކާރުން ގެންދަނީ ބައިމަދު ދަރިކޮޅުތަކާ މެދު ނަފްރަތާއި ރުޅިވެރިން އުފެއްދުމުގެ ގޮތުން އެކިއެކި ހަރަކާތްތައް ހިންގާ ރުޅިވެރިކަން އުފެދޭނެ ބަސްމަގު ބޭނުން ކުރަމުންނެވެ. ހާއްސަކޮށް ބައިމަދު މުސްލިމުންނާ މެދު އިހާނެތިކޮށް ހިތުމާއި މުސްލިމުންނަށް ނިކަމެތިކަން ލިބޭނެ މަގުން ކަންކަން ކުރާ ކަމުގެ ތުހުމަތުތައް ކޮށްފައި ވެއެވެ.

މިއިންތިހާބާ ގުޅިގެން ބޮޑުވަޒީރު ނަރެންދްރަ މޯދީ ގޮވާލެއްވީ އެންމެން ނިކުމެ ވޯޓު އަޅާ ފޮށިތައް ފުރާލުމަށެވެ.

މިއަދު 102 ގޮނޑިއެއްގެ ވޯޓު ފެށިފައިވާ އިރު މޯދީ ވިދާޅުވީ އަލަށް ވޯޓުލައި މީހުންނާއި ޒުވާނުން ކޮންމެހެންވެސް ނިކުންނަން ޖެހޭ ކަމަށާއި ގިނަބަޔަކު ނިކުމެ ވޯޓު ލުމަށެވެ.

ޖުމްލަ 543 ގޮނޑި ހިމެނޭ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ މޯދީ ހޯއްދަވާނެ ކަމަށް ހިޔާލު ހޯދުމުގެ ނަތީޖާތަކުން ދައްކާ އިރު އިންޑިއާގެ އިންތިހާބަކީ 6 ފޭސް އަކަށް ކުރިއަށް ދާ ދުނިޔޭގެ އެންމެ ބޮޑު އިންތިހާބެވެ. އެކިއެކި ސަރަހައްދުތަކުގައި ވޯޓު ނެގުން އެކިއެކި ތާރީހުތަކަށް ބަހާލައިގެން ކުރިއަށް ގެންދަން ޖެހެނީ 970 މިލިއަން މީހުންނަށް ވޯޓުލެވޭ މި އިންތިހާބުގައި މުޅި ގައުމުގައި އެއްފަހަރާ ވޯޓުލުން ކުރިއަށް ގެންދެވޭނެ ވަރަށް އޮފިޝަލުންނާއި ވަސީލަތްތައް ނެތުމުންނެވެ. އެހެން ކަމުން އެއް ސަރަހައްދު ނިންމާ އޮފިޝަލުން ދެވަނަ ސަރަހައްދަށް ދާނެ ކަމަށާއި އެގޮތަށް ގޮސް ޖުމްލަ 6 ބުރަކުން މުޅި ގައުމު ނިންމާ ނަތީޖާ އިއުލާން ކުރާނެއެވެ.