ހިޔާ ޓަވަރުތަކުގައި ލިފްޓް ހަރުކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްފިއެވެ.

އެ މަޝްރޫއު އިފްތިތާހު ކޮށްދެއްވާފައި ވަނީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.

އެ މަޝްރޫއު ދަށުން ކޮންމެ ޓަވަރެއްގައި ހަރުކުރަން ހަމަޖެހިފައި ވަނީ ޖާގަ ތަނަވަސް ދެ ލިފްޓެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުގައި ވާ ގޮތަށް އޭގެތެރެއިން އެއް ލިފްޓަކީ ސްޓްރެޗާ އެރުވޭވަރުގެ ބޮޑު ލިފްޓަކަށް ވާއިރު ދެވަނަ ލިފްޓަކީ ގާތްގަނޑަކަށް 14 މީހުންގެ ޖާގައިގެ ލިފްޓެކެވެ.

އެ މަޝްރޫއު އިފްތިތާހު ކޮށްދެއްވާ ވާހަކަދައްކަވަމުން ފަޒުލް ވިދާޅުވީ އުންމީދަކީ އެ މަޝްރޫއު 1 އަހަރުގެ ތެރޭގައި އެއްކޮށް ނިންމާލުމެވެ. އަދި އެޗްޑީސީގެ ފަރާތުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި އަދި ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ކަމަށް ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ އުންމީދަކީ ކަނޑައަޅާފައި ހުރި ކަންކަން ތަންފީޒު ވެގެން އައުން ކަމަށާއި އޭގެ ނަތީޖާއަކީ ހުޅުމާލެއަށް ދިމާވެފައިވާ މި ފަދަ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެން ދިއުން ކަމަށެވެ.

ހިޔާ ގެ ޖުމްލަ 16 ޓަވަރު ހިމެނޭ އިރު، ކޮންމެ ޓަވަރެއްގައި އިތުރު 2 ލިފްޓް ހަރުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އިންތިހާބު ވެވަޑައިގަތުމަށް ފަހު، ހިޔާ ސަރަހައްދަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ އެކަމަކީ ހާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.