ހަނގުރާމަ ތަކުގައި ހާއްސަކޮށް ރަޝިއާއިން ގެންގުޅޭ "މީޓް ގްރައިންޑާ" ނުވަތަ މަސް ފުނޑާ ސްޓެރެޓަޖީ އާ ހެދި ރަޝިއާގެ 50,000 ސިފައިން މަރުވެފައި ވާ ކަމަށް ބީބީސީ އާއި އިތުރު މިނިވަން ރިސާޗަރުން ހެދި ރިޕޯޓަކުން ދައްކައިފިއެވެ.
ރަޝިއާއިން 2022 އަހަރު ރޫކްރައިން އަށް އެރީއްސުރެ މަރުވަމުން ދާ މީހުން ގުނަމުން އައި ރަޝިއާގެ ބީބީސީ އާއި މިނިވަން މީޑިއާ ގްރޫޕް މީޑިއާޒޯނާ އާއި އިތުރު ވޮލަންޓިއަރުންގެ މަސައްކަތުން އެއްކުރި މައުލޫމާތު ބީބީސީން މިހާރު އާންމު ކޮށްފައި ވާ އިރު ބުނެފައި ވަނީ ހަނގުރާމަ ފެށިފަހުން މަރުވި ރަޝިއާގެ ސިގައިންގެ އަދަދު 50,000 އިން މައްޗަށް އަރާފައި ވާ ކަމަށެވެ. އަދި ހަނގުރާމައިގެ 2 ވަނަ އަހަރު މަރުވި މީހުންގެ އަދަދު ގިނަ ކަމަށާއި ފުރަތަމަ އަހަރާ އަޅާ ބަލާއިރު 25 ޕަސެންޓް އިތުރުވެފައި ވާ ކަމަށެވެ.
އެކަން އެހެން ދިމާވީ ރަޝިއާއިން ގެންގުޅޭ މީޓް ގްރައިންޑާ ޓެކްޓިކްސް ]އުކުޅު[ ބޭނުން ކޮށް ހަނގުރާމައިގެ ކުރީ ސަފުން ގިނަ އަދަދެއްގެ ސިފައިން އެއްފަހަރާ ޔޫކްރައިންގެ ފައުޖުތަކާ ދިމާއަށް ފޮނުވާލުމުން ޔޫކްރައިންގެ ހަމަލާތަކުގެ ޝިކާރައަކަށް ވެގެން ކަމަށް ވެސް ބުނެފައި ވެއެވެ. ރަޝިއާއިން އެ އުކުޅު ބޭނުން ކުރަނީ, އެ ގޮތަށް ގިނަ އަދަދެއްގެ ބަޔަކު ދުޝްމަނުންގެ މަގާމުތަކާ ދިމާއަށް ފޮނުވާލުމުން ފިލާ ތިބޭ ދުޝްމަނުން ހޮރުހޮރުން ނިކުމެ ހަރަކާތްތެރިވާން ފަށައެވެ. އެއާއެކު ދުޝްމަނުންގެ މަގާމުތައް ރަޝިއާ ސިފައިންނަށް ފަސޭހަކަމާއެކު ދެނެގަނެވި ހަމަލާ ދިނުމަށް ފަހިވެގެން ދެއެވެ.
ރިޕޯޓުތައް ބުނާގޮތުން ރަޝިއާއިން އެ އުކުޅު ހިންގުމަށް ގިނައިން ބޭނުން ކޮށްފައި ވަނީ ޖަލު ހުކުމުގައި ތިބި ކުށްވެރިންނެވެ. އެގޮތުން ހަނގުރާމައިގެ ކުރީ ސަފުގައި 9000 އަށް ވުރެ ގިނަ ކުށްވެރިން ބޭނުން ކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ރަޝިއާއިން ކުށްވެރިންނާއި ރިޒާވް ސިފައިންގެ ގޮތުގައި ތަމްރީނު ކުރި ފައުޖުތައް ކުރީ ސަފަށް ނެރެފައި ވާ އިރު ކުށްވެރިންނަށް ހުށަހަޅާ ހަދިޔާ އަކީ ހަނގުރާމައިން ސަލާމަތްވެގެން އާދެވިއްޖެ ނަމަ އެމީހަކު މިނިވަން ވާނެ ކަމަށާއި އަނބިދަރިންނާއެކު އުޅެން ދާންވީ ކަމަށެވެ. ތަމްރީނު ކުރާ ޕެރަމިލިޓަރީ އަދި އާންމުންގެ ތެރޭގައި އެކިއެކި ގައުމުތަކަށް ނިސްބަތްވާ މީހުން ތިބި ރަޝިއާއިން ބޭރުގެ ފަރާތްތަކަށް އޮންނަ ހަދިޔާ އަކީ ބޮޑު މުސާރަ އާއެކު ރަޝިއާގެ ރަށްވެހިކަމެވެ.
މި ރިޕޯޓާ ގުޅިގެން ރަޝިއާގެ އޮފިޝަލުން އަދި ކޮމެންޓެއް ނުކުރެއެވެ.
ހަނގުރާމައިގެ ހަބަރުތައް ގެނެސްދޭ އެކިއެކި މަސްދަރުތަކުން މީގެ ކުރިން ހާމަ ކޮށްފައި ވާ އަދަދުތަކާ އަޅާ ބަލާއިރު ބީބީސީގެ މިއަދަދުތައް ބޮޑުތަނުން މަދެވެ. ހަނގުރާމައިގެ ހަބަރުތައް ގެނެސްދޭ އެކިއެކި މަސްދަރުތަކުން މީގެ ކުރިން ބުނެފައި ވަނީ ރަޝިއާ އާއި ޔޫކްރައިން ފަޅިން މަރުވި ސިފައިންގެ އަދަދު 100,000 އިން މަތިކަމަށެވެ.