ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އއ. ތޮއްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ހައްދަވަން ނިންމަވައި، އެ މަސައްކަތުގެ އަމަލީ މަސައްކަތް ފެއްޓެވި އިރު، ރައީސަށާއި ސަރުކާރަށް މަގެއް ހަދައިދިނުމުގެ ފުރުސަތު ރައްޔިތުންނަށް ވެސް އެބަ އޮތްކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އާދަމް ނަސީރު މިހެން ވިދާޅުވީ، ތޮއްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތޮއްޑޫ ސްކޫލްގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކައިގައެވެ. މިނިސްޓަރު ވިދާޅުވީ އެ މަގަކީ ތަރައްގީއާ ކުރިއެރުމުގެ މަގު ކަމަށާއި، ރައީސްގެ ތަސައްވުރު ހަގީގަތަކަށް ހެދުމާ ދިމާއަށް ގެންދެވޭނޭ ގޮތަށް ފުރުސަތު ފަހިކޮށްދިނުމުގެ މަގު ކަމަށެވެ.

ރައީސް މުއިއްޒުގެ އަރިހުގައި އެންމެ މަގްބޫލު ކަންކަމަކީ ވައުދު ފުއްދެވުން ކަމަށާއި ހިދުމަތުގެ އަވަސްކަމާއި، ހިދުމަތުގެ ފެންވަރާއި ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންގެ އުންމީދުތައް ދުވަހުން ދުވަހަށް ހާސިލްކޮށް ދެއްވުން ކަމަށް އާދަމް ނަސީރު ވިދާޅުވިއެވެ.

ތޮއްޑޫގެ ތަރައްގީ ލަސްނުކޮށް، މި ސަރުކާރަށް މިވީ 5 މަސް ތެރޭގައި ތަރައްގީއާ ގުޅުން ހުރި، މިފަދަ މުހިންމު މަސައްކަތެއް އެ ރަށުގައި ކުރިއަށް ގެންދަން ނިންމި ކަމަށްޓަކައި ތޮއްޑޫއަށް އުފަން ދަރިއެއްގެ ހައްސިއްޔަތުން އުފާ ކުރައްވާ ކަމަށް އާދަމް ނަސީރު ވިދާޅުވިއެވެ. އެކަމަށްޓަކައި އާދަމް ނަސީރު ވަނީ ރައީސަށް ހާއްސަ ޝުކުރެއް ވެސް ދަންނަވާފައެވެ.

730 ދުވަސް ތެރޭ މި މަޝްރޫއު ނިންމުމަށް އާރްޑީސީ އިން މިސްރާބު ހިފާފައިވާ ކަމީ މި ސަރުކާރުގެ ބާރު ސްޕީޑް ދައްކުވައިދޭ ކަމެއް ކަމަށާއި، މި ސްޕީޑަށް ރައްޔިތުން މަރްހަބާ ކިޔުމަށް އާދަމް ނަސީރު ވަނީ އެދިވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒާހިރު ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ، މަސައްކަތް ނުހުއްޓި ނިންމޭނެ ކަމުގެ ޔަގީންކަންއޮތް ކަމަށާއި ތޮއްޑުއަކީ ފަތުރުވެރިކަމުގެ ރަށަކަށް ވާއިރު، މި މަސައްކަތުގެ އަމަލީ މަސައްކަތުގެ ސަބަބުން ރަށުގެ ފަތުރުވެރިކަމަށް ދަތި ނުވާނޭ ގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށް އެ ކުންފުނީގެ މުވައްޒަފުންނަށް އިލްތިމާސް ކުރާ ކަމަށެވެ.

މިއީ ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން ހިންގަން ނިންމާފައިވާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން ތޮއްޑޫގައި 2.5 ކިލޯމީޓަރުގެ 4 މަގު ޒަމާނީ ފެންވަރަށް ހެދުމަށް ނިންމައި މިއަދު ވަނީ އަމަލީ މަސައްކަތް ފަށާފައެވެ. އަދި ތޮއްޑޫގެ މަގުތަކުގެ ފެންހިންދާ ނިޒާމް ޤާއިމްކޮށް މަގުތަކުގައި މަގުބައްތި ހަރުކޮށް ޒީނަތްތެރިކުރުން ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.