ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމްގެ އިސްތިއުނާފްގެ މައްސަލައިގެ ހުކުމްކުރުން މާދަމާއަށް ތާވަލްކޮށްފިއެވެ.

އެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ދުވަހެވެ. އެ މައްސަލައިގައި އިސްތިއުނާފު މަރުހަލާ ކުރިއަށްދާއިރު އަޑުއެހުންތައް ނިންމާލާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގައެވެ.

އެންމެ ފަހުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ވަނީ ކޮރަޕްޝަނަކީ ކެންސަރެއްކަން ފާހަގަ ކުރައްވައި މިއީ ދުނިޔޭގެ ކުރިއަރާފައިވާ މިނިވަން ދިމިގްރާތީ ނިޒާމުތަކުގައި ވެސް ގަބޫލުކުރާ ގަބޫލުކުރުމެއް ކަމަށް ބުނެއެވެ. ކްރިމިނަލް ކޯޓުން ކުރި ދައުވާތައް އުފަންވެގެން އައިސްފައި ވަނީ ނުވަތަ ކުށުގެ އަމަލުގެ މުގުލުގައި ވަނީ ވެސް ކޮރަޕްޝަންގެ ކެންސަރުކަމަށް ދެކޭކަމަށް ދައުލަތުން ބުނެއެވެ.

މި މައްސަލާގައި ޝަރީއަތް ފެށުނު ފަހުން، ދިފާއީ ހެކިންގެ "ކްރެޑިބިލިޓީ"އާ ގުޅޭ އާ ހެކިތަކެއް ދައުލަތުން ހުށަހަޅާފައިވާ އިރު، އެކަން ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ހައިކޯޓުގައި ފާހަގަކޮށްފައި ވެއެވެ. އެކަމާ ގުޅޭގޮތުން ދައުލަތުން ބުނީ، އިސްތިއުނާފު ކުރާ ފަރާތުން ދިފާއީ ހެކި ހުށަހެޅި އިރު، ޑޮލަރު މާރުކުރުމުގެ މުއާމަލާތް ހިނގައި ދިޔަ ތާރީހެއް ބުނެދީފައި ނުވާ ކަމަށާއި އެ ތާރީހާ ގުޅޭ ދިފާއީ ހެކީގެ ހާޒިރީ ދައުލަތުން ފަހުން ހޯދާކަށް ނުޖެހުނީސް ކަމަށެވެ. އެހެންކަމުން އެ ހެކިތައް ހުރެމެ، ހާމަނުކުރީ ކަމަށް ބުނެވެން ނޯންނާނެ ކަމަށް ދައުލަތުން ބުނެއެވެ.

މިފަދަ ބޮޑު މައްސަލައެއްގައި ޖަލު އަދަބު ނޫން އަދަބެއް ކަނޑައެޅުމަކީ އިންސާފެއް ކަމަށް، ދަށު ކޯޓުގެ ފަނޑިޔާރަށް ވެސް ފެނިވަޑައިގެންފައި ނުވާ ކަމަށް ވެސް ދައުލަތުް ފާހަގަ ކުރިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހައުކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޔާމީން އިސްތިއުނާފީ މައްސަލައިގެ އަޑުއެހުން މާދަމާގެ މެންދުރަށް ތާވަލުކޮށްފައިވާ ކަމަށެވެ.

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ރައީސް ޔާމީން ވަނީ ދާދިފަހުން ގެކޮޅަށް ބަދަލުކުރައްވާފައެވެ. އަދި އެއަށްފަހު މިހާރު އެމަނިކުފާނު ހުންނެވީ ރަށު ބަންދެއްގައެވެ. ޔާމީންގެ އިސްތިއުނާފީ މައްސަލަ ތާވަލްނުކޮށް ލަސްވަމުންދާތީ އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ދިޔައީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ރިޝްވަތު ނެންގެވުމާއި ކަޅު ފައިސާ ދޮވުމުގެ އެހެން މައްސަލައެއްގެ ޝަރީއަތް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި މިހާރުވެސް ހިނގަމުން ދެއެވެ. އެއީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ވިއްކަވައިގެން ލިބުނު 1.1 މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާކުރައްވާފައިވާ މައްސަލައެވެ.