އަންނަ އާދިއްތަދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ފޮނުވުމުގެ މަސައްކަތް އިލެކްޝަން ކޮމިޝަން (އީސީ) އިން ފަށައިފިއެވެ.

މި ގޮތުން މިއަދު އީސީ އިން ވަނީ 12 އަތޮޅެއްގެ ވެރިކަން ކުރާ ރަށަށް ތަކެތި ފޮނުވާފައެވެ. އީސީ އިން ބުނީ އއ. އދ. ވ. މ. ފ. އަދި ދ އަތޮޅުގެ ރަށްތަކަށް ތަކެތި ފޮނުވުން ކުރިއަށްދަނީ ކަނޑުމަގުންކަމަށެވެ. އަދި ތ. ލ. ގއ. ގދ. ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ތަކެތި ފޮނުވުމުގެ މަސައްކަތް ވައިގެ މަގުން ފަށާފައިވާކަމަށް އީސީ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އީސީ އިން ބުނީ ހއ. ހދ. ށ. ނ. ރ. ބ. އަދި ޅ. އަތޮޅުގެ އަތޮޅުވެރިކަން ކުރާ ރަށްތަކަށް ވޯޓު ފޮށި ފޮނުވުމުގެ މަސައްކަތް މާދަމާ ފަށާނެކަމަށާ ވަކިވަކި ރަށްތަކަށް ސާމާން ފޮނުވުމުގެ މަސައްކަތްވެސް ހުކުރު ދުވަހު ފަށާނެކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރަށަކަށް ވޯޓުލުމަށް ބޭނުންވާ ސާމާން ހުކުރު ދުވަހު މެންދުރުފަހު ފޮނުވާ ނިމޭނެކަމަށް އީސީ އިން ބުނެފައިވާއިރު ސިނާއީ ރަށްތަކާ ރާއްޖެއިން ބޭރަށް ފޮނުވާ ތަކެތި 20ވަނަ ދުވަހުގެ ނިޔަލަށް ފޮނުވާ ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރާއިރު، 600 އަށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓާނެއެވެ.