ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ކުރި މުޒާހަރާތަކުގައި ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ބައިވެރިވެވަޑައިނުގަން ކަމަށް ވިދާޅުވެ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ދެއްކެވި ވާހަކައަށް މިރޭ ރައީސް ޔާމީން ހޫނު ރައްދެއް ދެއްވައިފިއެވެ.

އެގޮތުން އަބްދުއްރަހީމް އަށް މި ސަރުކާރުގައި ގިނަ މަގާމުތަކެއް ލިބިވަޑައިގަތީ، އޭނާގެ އަނބިކަނބަލުންނާއި ދަރިކަލުން ސިޔާސީ ހަރަކާތްތަކަށް މަގުމައްޗަށް ނިކުމެ ވަޑައިގަތުމުންތޯ ރައީސް ޔާމީން އެއްސެވިއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، މިރޭ ޕީއެންއެފް އިން ބޭއްވީ ޖަގަހަ ޖަލްސާގައި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީން ވާދަ ކުރާ ކެންޑިޑޭޓުންގެ ތެރެއިން އުނގޫފާރު ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓް ފާރޫގްއާ މުހާތަބް ކުރައްވައި ސުވާލު ކުރައްވަމުންނެވެ. މި ޖަލްސާގައި ރައީސް ޔާމީން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އަބްދުއްރަހީމް އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރައީސް މުއިއްޒު އަށް ފާޑުވިދާޅުވަމުން ޔާމީން ވަނީ މުއިއްޒު ދެއްކެވި ވާހަކަފުޅަކަށް އަލިއަޅުއްވާލައްވާފައެވެ. އެ ގޮތުން ރައީސް ޔާމީންއާއި އާއިލާއާ ދިމާ ނުކުރުމަށް އެދިވަޑައިގެންފައިވާނެ ކަމަށް މުއިއްޒު ވިދާޅުވެފައި ވީ ނަމަވެސް މުއިއްޒުގެ "ރޯލް މޮޑެލް" ކަމަށްވާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަޑައިގަންނަވަނީ ރައީސް ޔާމީންއާއި އެމަނިކުފާނުގެ އާއިލާއާ ގުޅުވާ ޒާތީ ވާހަކަތައް ދައްކަވަމުން ކަމަށް ޔާމީން ވިދާޅުވިއެވެ. އެ ބޭފުޅުންނާ ބެހޭގޮތުން ދެއްކެވޭނެ ވާހަކަތައް މަދު ނުވާނެ ކަމަށާއި ނަމަވެސް އެމަނިކުފާނަކީ އެފަދަ ދަށް ފެންވަރަކަށް ވެއްޓި ވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ.

އަދުރޭ އަކީ ރޯލް މޮޑެލް އަކަށް ވާއިރު، މިފަދަ ކަންކަމަކީ ރައީސް މުއިއްޒަށް އެނގިވަޑައިނުގެން ކުރައްވާ ކަމެއް ގޮތުގައި ބެލިދާނެ ކަމާ މެދު ޔާމީން ސުވާލު އުފެއްދެވިއެވެ. ނޫނީ މިއީ ރައީސް މުއިއްޒު ހިތްވަރު ދެއްވައިގެން އެ ބޭފުޅުން ކުރައްވާ ކަމެއް ކަމާ މެދު ވެސް ޔާމީން ސުވާލު އުފެއްދެވިއެވެ.

ރައީސް ޔާމީން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެމުން ފާރޫގް ވަނީ އަދުރޭ ދެއްކެވި ވާހަކައަކަށް އަލިއަޅުވާލައި ފާޑުކިޔާފައެވެ. އެ ގޮތުން ރައީސް ޔާމީން މިނިވަން ކުރުމަށް ކުރި މުޒާހަރާއަށް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް ވަޑައި ނުގަންނަވާ ވާހަކަ އަދުރޭ ދެއްކެވި އިރު، ރައީސް މުއިއްޒުގެ ކެމްޕެއިން ހަރަކާތުގައި މެޑަމް ފާތުން ބައިވެރިވެވަޑައިގެން ވާހަކަ ނުދެއްކެވުމަކީ ހައިރާން ވާން ޖެހޭ ކަމެއް ކަމަށް ފާރޫގް ބުންޏެވެ.

"މެޑަމް ފާތުން, އަޅުގަނޑުގެ އަންހެނުންނަކީ، ޕީޕީއެމް ޕީއެންސީގެ ނައިބު ލީޑަރެއް ނުވަތަ އެއްވެސް މަގާމެއްގައި ހުރި މީހެއްތޯ؟ އެހްންވީމަ ރައީސް ޔާމީން ހައްޔަރުކޮށްގެން މިއުޅެނީ އެއްވެސް މީހެއްގެ ފިރިއަކަށް ވާތީތޯ؟ ސީޔާސީ ޕާޓިއެއްގެ ލީޑަރަކަށް ވާތީތޯ؟"
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ފާރޫގް ގެ މިވާހަކައަށް ފަހު ޔާމީން ވާހަކަފުޅެއް އިތުރުކޮށްލަވަމުން ވިދާޅުވީ، މެޑަމް ފާތުންނަކީ ޕީޕީއެމް އަދި ޕީއެންސީގެ އެއްވެސް މަގާމެއްގައި ހުންނެވި ބޭފުޅެއް ނޫން ކަމަށާއި އެހެންކަމުން އެ ޕާޓީގެ މުޒާހަރާއަށް ދާންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެމަނިކުފާނު ހައްޔަރު ކޮށްގެން މި އުޅެނީ މީހެއްގެ ފިރިކަލުންނަށް ވެވަޑައިގަތުމުން ތޯ ނުވަތަ ސިޔާސީ ޕާޓީއެއްގެ ލީޑަރަކަށް ވެވަޑައިގަތުމުންތޯ ރައީސް ޔާމީން ސުވާލު ކުރެއްވިއެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި މެޑަމް ފާތުން ބައިވެރިވެވަޑައިނުގަން ވާހަކަ ނަގައިގެން ދައްކާއިރު، ޕީޕީއެމް ޕީއެންސީ ލީޑަރުންނަށް ނުކުރެއްވުނު ކަމެއް އެމަނިކުފާނުގެ އާއިލާގެ ބޮލުގައި އަޅުވަނީ ކީއްވެގެންތޯ ޔާމީން އެއްސެވިއެވެ.

"އެ ވިދާޅުވާ މާނައިން ތަރުޖަމާ ކުރާނަމަ އެހެންކަންނޭނގެ އެވަނީ. ޕީޕީއެމް ޕީއެންސީގެ ލީޑަރުންނަށް ތިބި މީހުންނަށް ނުކުރެވުނު ކަމެއް އެމީހުން ނުކުރި ކަމެއްގެ ވާހަކަ ކީއްވެގެންތޯ އަޅުގަނޑުގެ އާއިލާގެ ބޮލުގައި އަޅުވަނީ."
ކުރީގެ ރައީސް އަބްދުﷲ ޔާމީން

އަދުރޭއަށް ފާޑުވިދާޅުވަމުން ޔާމީން އިތުރަށް ވިދާޅުވީ، އެ ބޭފުޅުންނަށް ނުވިސްނިދާނެ ކަމަށާއި އެއީ މި ކަންކަމަކީ ހިސާބު އަކުރުން ހުރި ކަންކަމަށް ނުވާތީ ކަމަށެވެ. މި ސަރުކާރު ވެރިކަމަށް އައި ފަހުން އަދުރޭއަށް މި ހުރިހާ މަގާމުތަކެއް ލިބިވަޑައިގަތީ އޭނާގެ އަނބިކަނބަލުންނާއި ދެ ދަރިކަލުން މަގުމައްޗަށް ނިކުމެވަޑައިގެން ސިޔާސީ މަސައްކަތް ކުރައްވައިގެންތޯ ވެސް ޔާމީން އެއްސެވިއެވެ.

މަގާމުތަކާ ހަމައަށް ވަޑައިގަތުމުން އަދުރޭ އަކީ "ހާންދާން" ބޮޑު މީހަކަށް ވެއްޖެ ކަމަށާއި، ނަމަވެސް ޕީޕީއެމް ޕިއެންސީގައި މަސައްކަތް ކުރެއްވި އިރު އެތަނުން އަދުރޭގެ އާއިލާގެ އެއްވެސް ބޭފުޅަކު ދެކިވަޑައިނުގަންނަވާ ކަމަށް ޔާމީން ވިދާޅުވިއެވެ. "އެހެންކަމުން ދިވެހި ރައްޔިތުންނަށް ކޮން ހުވަފެނެއް ކޮން ޖާދުލެއްގެ ވާހަކައެއް ތޯ މި ދައްކަނީ" ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އަނބިކަނބަލުން މުޒާހަރާއަށް ވަޑައިނުގަން ކަމަށް އަދުރޭ ވިދާޅުވެފައި ވަނީ، މި މަހުގެ 7 ވަނަ ދުވަހު ޕީއެންސީ/ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން ބޭއްވި ޕެނަލް ޑިސްކަޝަނެެއްގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ޔާމީން ޖަލުގައި ހުންނެވި ހުރިހާ ދުވަހު މެޑަމް ފާތުން އާއި ދަރިކަލުން ޒެއިން އެއްވެސް މުޒާހަރާއަަކަށް ވަޑައި ނުގަން ކަމަށާއި މިއީ ސުވާލު އުފައްދަން ޖެހޭ ކަމެއް ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ސިޔާސީ އިސްވެރިން ހައްޔަރު ކުރި ފަހަރުތަކުގައި އާއިލާއިން މުޒާހަރާގައި ބައިވެރިވާ ކަން ހާމަކުރައްވަމުން އަދުރޭ ވަނީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރު ކުރުމުން އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް މުޒާހަރާއަށް ވަޑައިގެން ކަމަށާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު ކުރުމުން އަނބިކަނބަލުން ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވެސް ނިކުމެވަޑައިގެން ކަމަށް ވިދާޅުވެފައެވެ.