ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުނުރެއްވުމަކީ ޑިމޮކްރަސީއަށް އެޅޭ ހުރަހެއްކަމުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގައި ގއ. މާމެންދޫގައި ބޭއްވި ޖަލްސާގައި ސޯލިހް ވިދާޅުވީ ކޮލަމާފުށި ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ސައްޔާހު ހަލީލު އަކީ ޕާޓީ ބަދަލުކުރާނެ ކެންޑިޑޭޓެއް ނޫންކަމަށެވެ. އެކަން ކަށަވަރު ކުރުމަށް މިހާރު މަޖިލީހުން އެންޓި ޑިފެކްޝަން ބިލެއް ފާސްކޮށްފައިވާއިރު ރައީސް ޑރ. މުއިއްޒު ހުންނެވީ އެ ބިލު ހިފަހައްޓަވައިގެން ކަމަށް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ސޯލިހް ވަނީ މިފަދަ މުހިންމު ވަގުތެއްގައި އެފަދަ މުހިންމު ގާނޫނެއް ގެޒެޓުނުކޮށް، ގާނޫނަކަށް ނުހަދާ ހިފަހައްޓައިގެން އިންނެވުމަކީ ރައީސް މުއިއްޒު ޑިމޮކްރެސީއަށް އަޅުއްވާ ހުރަހެއް ކަމުގައި ސިފަކުރައްވާފައެވެ. އިތުރަށް ސޯލިހް ވިދާޅުވީ ރައީސް، އެ ބިލު އަނބުރާ މަޖިލީހަށް ފޮނުވާލައްވާނެ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން އެ ބިލް ފާސްކުރާނެ ކަމަށް ސޯލިހް ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ކެމްޕެއިން ޖަލްސާގައި ސޯލިހް މިހެން ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒު ވަނީ ޕާޓީއެއްގެ ސިޔާސަތުތަކެއް ވިއްކައިގެން މަގާމަށް އައުމަށް ފަހު އެހެން ފިކުރަކާ ގުޅުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށާ އުސޫލެއްގެ ގޮތުން އެ އެންޓި ޑިފެކްޝަން ބިލަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ،

މީގެ އިތުރުން ރައީސް ވިދާޅުވީ ސިޔާސީ ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި ވާދަކޮށް، ލިބޭ ޓިކެޓުގައި މަގާމަށް އިންތިހާބު ވެގެން އަންނަނީ ޕާޓީގެ ޕޮލިސީތައް ވިއްކައިގެން ކަމަށެވެ. އަދި އޭރު ގަބޫލު ކުރި އަސާސްތައް ދޫކޮށްލުމަށް ފަހު އެހެން ފިކުރަކާ ގުޅުން އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމުގައެވެ.