އިއްޔެކުރި ވިއްސާރައިގައި ފެން ބޮޑުވެ ގެއްލުން ލިބުނު 06 ގެއެއްގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިފިއެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ ފެންވަދެގެން ޖުމްލަ 132 ތަނަކުން ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 122 ތަނަކަށް އެޓެންޑުވެފައިވާއިރު، 104 ތަނެއްގައި ޖުމްލަ 732 ވެލިބަސްތާ ޖަހާފައިވާކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.

މީގެ ތެރެއިން ދިރިއުޅެން ދަތިވާކަމަށް ރިޕޯޓު ކުރެވުނު 10 ގެއެއްގެ ރެޕިޑު އެސެސްމެންޓް ދިވެހި ރެޑް ކްރެސެންޓުގެ އެހީތެރިކަމާއިއެކު ނިންމާ، ދިރިއުޅެން ދަތިވާކަމަށް ފާހަގަ ކުރެވުނު 06 ގެއެއްގެ ޖުމްލަ 42 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިން 1 ރެއަށް ހަމަޖައްސާދެވިފައިވާކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.

އިތުރަށް އެންޑީއެމްއޭ އިން ބުނީ އަތޮޅު ތެރެއަށް ކުރި ވިއްސާރައިގައި ށ. ފީވަކުގެ 20 ގެއަކަށާ، ށ. ފޯކައިދޫގެ 03 ގެއަކަށް ގެއްލުން ލިބިފައިވާކަމަށެވެ އަދި ތ. ހިރިލަންދޫ އާއި ތ. ވަންދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެގެން ފެން ހިއްކުމުގެ މަސައްކަތް ކޮށްފައިވާއިރު މި ހާދިސާގައި ތ. ވަންދޫގެ 01 ގެއަކަށް ގެއްލުން ލިބިފައިވެއެވެ.

އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް އެންމެ ބޯކޮށް ވާރޭ ވެހުނު ކަމަށް ރެކޯޑް ކުރެވިފައިވަނީ ހުޅުލެ އާއި މާލެއަށެވެ.