އުޅެން ދަތިވާ ވަރަށް ފެން ވަން 5 ގެއެއްގެ 34 މީހުންނަށް ވަގުތީ ބޯހިޔާވަކަން ހަމަޖައްސައިދިނުމުގެ މަސައްކަތް ފަށައިފިއެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ރެޕިޑް އެސެސްމަންޓް ހެދިއިރު އުޅެން ދަތިވާވަރަށް ފެން ވަދެ ގެއްލުން ވެފައިވާ 9 ގެއެއް ފާހަގަ ކުރެވުނު ކަމަށެވެ.

އެގޮތުން އެ 9 ގޭގެ ތެރެއިން 5 ގެއެއްގެ 34 ފަރާތެއް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ. އެ 5 ގޭގައި ދިރިއުޅެން ދަތިވާ ވަރަށް ފެން ބޮޑުވުމުގެ ސަބަބުން ފާހާނާ ކުރުމަށް ބުރޫ އަރާ، ނަޖިސް ލީކުވެފައި ވާކަން ވެސް އެ އޮތޯރިޓީއިން ފާހަގަ ކުރެއެވެ.

އެ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސަމުން ދާކަން ފާހަގަކޮށް އެންޑީއެމްއޭއިން ބުނީ ވަގުތީ ބޯހިޔާވަހި ކަމާއެކު ކެއިން ބުއިންވެސް ހަމަޖައްސައި ދޭނެ ކަމަށެވެ. އަދި މާދަމާއަކީ ސްކޫލްތަކުގެ އިމްތިހާން ފެށޭ ދުވަހަކަށް ވުމާއެކު ސްކޫލު ދަރިވަރުންނަށް ކަންކަން ފަސޭހަވާނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސަމުން ދާނެ ކަމަށް އެ އޮތޯރިޓީއިން ބުނެއެވެ.

މާލޭގައި ފެންބޮޑުވުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އިން އަންނަނީ ކުރަމުންނެވެ. އަދި އެމްއެންޑީއެފް އާއި ރެޑް ކްރެސެންޓުން ދަނީ ފެން ވަނަމުންދާ ގޭގެ ކައިރީގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމްއެންޑީއެފް އިން 51 ގެއެއްގައި ވެލިބަސްތާ ޖަހާފައިވާއިރު ރެޑް ކްރެސެންޓުން ވަނީ މިހާތަނަށް 73 ތަނެއްގައި 495 ވެލިބަސްތާ ޖަހާފައެވެ.