މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އޮތޮޅުން ފެށިގެން ބ. އަތޮޅަށް ރީދޫ ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހއ.އޮތޮޅުން ފެށިގެން ބ.އަތޮޅަށް ރީދޫ ސަމާލު ނެރިފައި ވަނީ މިއަދު މެންދުރު 13:30 އިން ފެށިގެން 17:30އަށެވެ. މެޓުން ވަނީ މި ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވާއިރު މިއަދު ހެނދުނު މެޓުން ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ވެސް ހުދު ސަމާލު ނެރެފައެވެ. އަދި މި ސަރަހައްދަށް މިއަދު ހެނދުނު 10:00 އިން ހަވީރު 16:00 އަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވެ ބޯކޮށް ވާރޭވެހިފައި ވާއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ ގދ. ތިނަދޫ އަށެވެ. ތިނަދޫއަށް 50.9 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު ދެން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ކ.ގާފަރާ، ގދ. ކާޑެއްދޫ އަށެވެ.