މުޅި އައްޑޫ ސިޓީގެ ފެނުގެ ނިޒާމު ބަދަލުކުރަން 282 މިލިއަން ރުފިޔާއަށް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އައްޑޫގައި ހިނގަމުންދާ މަގުހެދުމުގެ މަޝްރޫއު ބައެއް މަގުތައް ހުރީ އެންމެ އާދައިގެ ސިމެންތި ފަށަލަ އަޅާފައި އެކަނި ކަމަށާއި އޭގެ ސަބަބުން މަގުތައް ދަނީ ހަލާކުވަމުން ކަމަށެވެ. 100 ކިލޯމީޓަރުގެ ތެރެއިން 60 ކިލޯމީޓަރު ހުރީ އެހެންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކޮންސްޓްރަކްޝަން މިނިސްޓްރީއިން އާރްޑީސީއާ ހަވާލުކޮށްގެން އެ 60 ކިލޯމީޓަރުގައި ތާރު އަޅައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ 18 މިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށާއި އެ މަޝްރޫއު މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އައްޑޫގެ ފެނުގެ ނިޒާމު ބަދަލުކުރަން ޖެހޭ ކަމަށާއި މި ހަފްތާ ތެރޭގައި އެ މަސައްކަތް އެމްޑަބްލިޔުއެސްއީއާ ހަވާލުކުރައްވާނެ ކަމަށެވެ. އަދި ކެތް ލެބާއި އެކި ކަހަލަ ތެރަޕީ ދެވޭ ގޮތަށް އެންމެ މަތީ ފެންވަރުގެ ޓާޝަރީ ހޮސްޕިޓަލެއް ބަދަލުކުރުމާއި ހުޅުމީދޫ ހެލްތް ސެންޓަރު ހޮސްޕިޓަލަށް ބަދަލުކުރުމުގެ މަޝްރޫއުވެސް ހަވާލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީގެ ކުރިން ފެނިފައިވާ ސަރުކާރުތަކުން އަލަށް އުފެދިގެން އަންނަ އިރު ބޮޑެތި މަސައްކަތަކަށް ކުރީކޮޅު ނުފަށާ ކަމަށާއި ބޭނުންވަނީ އެކަން ބަދަލުކުރަން ކަމަށެވެ. 5 އަހަރުގެ ޓާމެއް ރައްޔިތުން ހަވާލުކޮށްފައި އޮންނައިރު އެ ޓާމު ނިމެން ގާތްވުމުން ކަންކަމާ އުޅުމަކީ ގަބޫލުކުރާ ހަމައެއް ނޫން ކަމަށާއި ނިމެން ގާތްވީމާ މަސައްކަތް ފެށުނީމާ އެއީ އިހުލާސްތެރިކަން ނެތުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އައްޑޫ ސިޓީގައި ތަރައްގީގެ ގިނަ ކަންތައްތަކެއް ހުންނާނީ ވައުދުވެފައި ކަމަށާއި އެންމެ ބޮޑެތި ކަންކަމަށް ބަލާއިރުގައި އުމްރާނީ މަސައްކަތްތަކުގައި ހިމެނޭ ބްރިޖްގެ މަސައްކަތް ހަފްތާ 14 ގައި އެ މަސައްކަ ފެށިފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގެ ކަނޑު އަޑީގެ ސާވޭތަކާ އެއްޗެހި ނިންމާ ޑިޒައިންގެ މަސައްކަތުގެ 3 ބައި ކުޅަ އެއްބައިވެސް ނިންމާ ކުރިއަށް އޮތް ދެ މަހެއްގެ ތެރޭގައި އެ މަރުހަލާ ނިމިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން އެ ބްރިޖް އަމަލީ ގޮތުން ފަށާނެ ކަމަށާއި މި ދައުރު ނިމޭއިރު އެ ބްރިޖް ނިންމަން ބޭނުންވާ ކަމަށެވެ. އަދި ފުރިހަމަ އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުވެ، ސިޓީ ހޮޓަލް ގާއިމުކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތްކުރިއަށް ގެންދަމުންދާ ކަމަށާއި އަމަލީ ގޮތުން ތަރައްގީ ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހަންކެޑެ މަޝްރޫއު ވެސް އަމަލީ ގޮތަށް ލޮލަށް ފެންނަ ގޮތަށް 2080 ބެޑްގެ އެ މަޝްރޫއު ފެށުމުން 1980 ވަޒީފާ އުފެދިގެންދާނެ ކަމަށާއި އެއާގުޅިގެން އަންނަ އިންޑަސްޓްރީތަކާއެކު 1800 ވަޒީފާ އުފެދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.