ތަރައްގީގެ ދެބަދޭތެރޭގައި އައްޑޫ ބާއްވަން ފުރުސަތެއް ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އައްޑޫގެ ރައްޔިތުންނަކީ ތަރައްގީ އުންމީދުގައި ތާއަބަދު ދެބަދޭތެރޭގައި ތިބޭ ބަޔަކަށްވާން ބޭނުންފުޅު ނުވާ ކަމަށާއި ތަރައްގީގެ އުންމީދުގައި ހަގީގީ ކުލަ ޖެހި، ލޯ ކުރިމަތިން އަމަލީ ސިފައިގާ ނަތީޖަ ނެރެ ތަރައްގީ ދައްކައިދޭން ބޭނުންފުޅުވާ ކަމަށެވެ. އަދި ތަރައްގީ ދެބަދޭތެތޭގައި ތިބެން ފުރުސަތު ނުދޭނެ ކަމަށާއި އައްޑޫ ރައްޔިތުން އުންމީދުކުރާ، އައްޑޫ ރައްޔިތުންގެ "ޑްރީމް" ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުމެއް ނޫން ތިޔަ ލޮބުވެތި ރައްޔިތުންނަކީ ތަރައްގީ އުންމީދުގައި ތާއަބަދު ދެބަދޭތެރޭގައި ތިބޭ ބަޔަކަށް ވާކަށް. ތަރައްގީގެ އުންމީދުގައި ހަގީގީ ކުލަ ޖެހި ހަގީގަތަށް ލޯ ކުރިމަތިން އަމަލީ ސިފައިގާ ނަތީޖަ ނެރެ ތަރައްގީ ދައްކައިދޭން އަޅުގަނޑު ބޭނުން ރައްޔިތުންނަށް"
ރައީސް މުއިއްޒު

ރައީސް ވިދާޅުވީ މާލޭގައި މި ކުރިއަށް ގެންދާ ހުރިހާ މަސައްކަތެއް މާލޭއާ އެއް ފެންވަރުގައި ނުވަތަ އެއަށްވުރެ ރަނގަޅު ފެންވަރެއްގައި ހުރިހާ ގޮތަކުން ތަރައްގީވެފައި އޮންނަ ތަނަކަށް އައްޑޫ ސިޓީ ހަދައިދިނުން ކަމަށެވެ. އަދި ދެމެހެއްޓެނިވި ތަރައްގީ ހާސިލްވާނީ ދެކުނާއި އުތުރު އަދި މެދު ރާއްޖެތެރޭގެ އެއް އަތޮޅާއި އަނެއް އަތޮޅު ގުޅިލާމެހިފައި އިންޓަގަރޭޓަޑް ޑިވަލޮޕްމަންޓް ކޮންސެޕްޓުގައި ޒޯނެއް ގޮތަށް ތަރައްގީ ކުރެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

މިކަހަލަ ގޮތަކަށް މަސައްކަތް ނުކޮށް ދުރު ރާސްތާގެ ހުރިހާ ދިވެހި ރައްޔިތުންނަށް ބޭނުންވާ ފަދަ އެންމެ މަތީ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ނުގެނެސްދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރީގައި ސަރުކަރުގެ އެހެން މަގާމުތަކުގައި ރައީސް އުޅުއްވި ދުވަސްވަރު ލިޔެކިޔުންތަކަށް ބަލާއިރު 1980 އިން ފެށިގެން ގެނައި ކޮންސެލްޓެންޓުން ހަދާފައިވާ ދިރާސާތަކުގައި ވެސް އޮތީ އެ ވާހަކަތައް ކަމަށާއި އެއީ އަމަލީ ގޮތުން އަމަލު ނުކުރެވޭ ދިރާސާ ތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކެމްޕެއިނުގައި ވައުދުވެ އިއުލާންކޮށްފައިވާ ގޮތަށް ސަދަން ޑިވެލޮޕްމަންޓް ޒޯންގެ މައި ހަބަކީ އައްޑޫ ސިޓީ ކަމަށެވެ. އަދި އެކަން ކުރެވޭނީ ރައްޔިތުން ދެއްވާ އެއްބާރުލުމުން ކަމަށާއި އެ އެއްބާރުލުން ދެއްވާނެ ކަމުގަ 100 ޕަސެންޓް ޔަގީންކަން އެމަނިކުފާނަށް އޮންނަވާ ކަމަށް ރައީސް ވިދާލުވިއެވެ.

ރައީސް ވިދާޅުވީ ނިކަމެތި، ކަމެއް ނުވާ ގޮތަށް އޮތް އޮތުން ބަދަލުކުރާނީ ރައްޔިތުން ކަމަށާއި މަޖިލީހުގެ އެއްބާރުލުން އެކަމުގައި ބޭނުންވާ ކަމަށެވެ. އަދި ކޮންމެ ކަމަކަށްވެސް ބޭނުންވަނީ ދިވެހިންގެ ރާއްޖޭގެ ފިކުރުގެ މީހުން ކަމަށް ރައީސް ވިދާޅުވިއެވެ.