އިންޑިއާ ސިފައިންގެ ދެވަނަ ބެޗް މިދިޔަ އަންގާރަ ދުވަހު ފޮނުވާލެވިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވީ މިހާރު އައްޑޫ ސިޓީގައި ބާއްވަމުންދާ ޖަލްސާގައެވެ.

ރައީސް ވިދާޅުވީ 21 އޭޕްރީލް ގައި އައްޑޫ ސިޓީ ހިމެނޭ ގޮތަށް ކޮންމެ ދިވެހި ރައްޔިތަކުވެސް ދޭ ވޯޓަކީ މި ގައުމުގެ މިނިވަންކަމާއި ތަރައްގީ ހާސިލްކުރަން ދެވޭ ވޯޓަކަށްވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި އެންމެ ބޮޑަށް ރައްޔިތުން ދެއްކީ މިނިވަންކަން ޔަގީން ނުވާ ވާހަކަ ކަމަށާއި ވެރިކަން ބަދަލުކުރަން ބޭނުންވި މައިގަނޑު އެއް ސަބަބަކީވެސް މިތަނުގައި އިންޑިއާ ސިފައިން ތިބުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަސައްކަތް ވައުދުވެވަޑައިގެންނެވި ފަދައިން ސަރުކާރުގެ ފުރަތަމަ ދުވަހު ފެއްޓެވި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ޓައިމްޓޭބަލެއްގެ ހެދިގެން ތިން ޕްލެޓް ފޯމުގައި ތިބި ސިފައިން ފޭބުމަށް އެއްބަސްވުމެއް ހެދިފައިވާ ކަމަށެވެ. އަދި ފުރަތަމަ ދުވަހު ފެށި މަސައްކަތުން މިހާރު ފުރަތަމަ ބެޗާއި ދެވަނަ ބެޗްވެސް ފައިބާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މި މަހުގެ 9 ދުވަހު ދެ ވަނަ ޕްލެޓް ފޯމުގައި ތިބި އިންޑިއާ ސިފައިން ފައިބާފައިވާ ކަމަށާއި ކުރިންވެސް ސޮއިކޮށްފައިވާ ގޮތަށް 10 މޭ ގެ ކުރިން ދެން ތިބި ސިފައިންވެސް ފައިބާނެ ކަމަށެވެ. އަދި އެއާއެކު އެ ވައުދުފުޅުވެސް ފުދިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.