ބޮޑެތި އިނާމުތަކާއެކު "ކުލަބު ހުޅު" އިން އިސްނަގައިގެން ހުޅުމާލޭގައި ބޭއްވި "އީދު ޖަގަޑާ" ގައި އުރީދޫ އިން ބައިވެރިވެއްޖެއެވެ.

ހުޅުމާލޭގައި ފޯރިގަދަގޮތެއްގައި ފިތުރު އީދު ފާހަގަ ކުރުމަށް ބޭއްވި "އީދު ޖަގަޑާ" ހަރަކާތް އޮތީ އީދު ދުވަހުގެ ހެނދުނު 8.45 އިން މެންދުރު 2:00 އަށް ހުޅުމާލެ ބީޗު ސަރަހައްދުގައެވެ. މި ހަރަކާތުގައި ކޯ ސްޕޮންސަރއެއްގެ ގޮތުން އުރީދޫ މޯލްޑިވްސް ވަނީ ބައިވެރިވެފައިވާއިރު މި ފޯރިގަދަ ހަރަކާތުގައި ގިނަ ކުޅިވަރުތަކެއް ވަނީ ފެނިގެން ގޮސްފައެވެ،

މި ގޮތުން މިހަރަކާތުގައި ފެންކުޅު ކުޅުމާއި، ފައިގަތަޅާ އަދި ވާދެމުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މޮޅުވާ ޓީމުތަކަށް އަގުހުރު އިނާމުތަކެއް ލިބިގެން ދިޔައިރު ކުޑާކުދިންނަށް ހާއްސަކުރެވިގެން ވެސް ވަނީ ކުޅިވަރުތައް ކުރިއަށް ގެންގޮސްފައެވެ. ކުޑަކުދިންނަށް ބޭއްވުނު ގޭމުތަކުގެ ތެރޭގައި ތިންފައި ރޭސް، ގޯނި ރޭސް، ލުބޯ ސަމުސާ ރޭސް ހިމެނެއެވެ.

ހުޅުމާލޭގައި ހިމެނޭ ގިނަ ބަޔަކު މި ހަރަކާތުގައި ބައިވެރިވެ ކުޑަ އީދު ފޯރިގަދަގޮތެއްގައި ފާހަގަކޮށްފައިވާއިރު އުރީދޫ އިން ބުނީ މުޖުތަމައުގައި ހިންގާ މިފަދަ އުފާވެރި ހަރަކާތްތަކުގައި ބައިވެރިވުމަކީ އުރީދޫ މޯލްޑިވްސް އަށް ލިބޭ ފަހުރެއްކަމަށެވެ. އަދި ކުރިއަށް އޮތަތާނގައިވެސް ރައްޔިތުންގެ ފަރާތުން ރޭވިގެން އަންނަ ހަރަކާތްތަކުގައި އުރީދޫ އިން ބައިވެރިވާނެކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.