ޕީޕަލްސް ނެޝަނަލް ފްރަންޓު އުފެއްދުމުގެ ޖަލްސާއަށް ފުލުހުން ފޮނުވައި ރައީސް ޑރ.މުހައްމަދު މުއިއްޒު ޑިމޮކްރަސީއަށް ހުރަސް އަޅުއްވާފައިވާ ކަމަށާއި އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މި މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފުވައްމުލައް ސިޓީއަށް އެމްޑީޕީ އިން ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާގައި، ޕީޕަލްސް ނެޝަނަލް ފްރަންޓު އުފެއްދުމުގެ ޖަލްސާއަށް ފުލުހުން ހުރަސްއެޅި މައްސަލައާ ގުޅޭގޮތުން ސޯލިހްވަނީ ވާހަކަފުޅު ދައްކަވާފައެވެ. މި ގޮތުން ސޯލިހް ވިދާޅުވީ ސިފައިންނާއި ފުލުހުން އޯޑަރަށް ނޫން ގޮތަކަށް މަސައްކަތް ނުކުރާނެ ކަމަށެވެ. އެހެންކަމުން ފުލުހުންނަށް އަމާޒުކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ތުހުމަތުތައް ރައްޔިތުންގެ މަޖިލީހުން ބަލަންޖެހޭކަމުގައި ސޯލިހް ވިދާޅުވިއެވެ. އަދި 241 ކޮމެޓީން މިމައްސަލަ ބަލާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ސޯލިހް ވަނީ މިސަރުކާރާއި ގައުމަށް ވަރަށް ބޮޑަށް ފާރަވެރިވާންޖެހޭ ކަމަށް ވިދާޅުވެފައެވެ. މިސަރުކާރު އެންމެ ފުރަތަމަ ހަމަލާ އަމާޒުވީ ނޫސްވެރިންނަށްކަން ފާހަގަކުރައްވަމުން ސޯލިހް ވިދާޅުވީ މިއަދު ޕާޓީ ނިޒާމެއް، ސިޔާސީ ފިކުރެއް، ހިޔާލު ތަފާތުވުންތަކެއް ނުހުއްޓުވޭނެ ކަމަށާ ކުރިއަށްދާން ޖެހޭނީ އެއަށް ޖާގަ ދީގެންކަމަށެވެ. އަދި ފާޑު ކިޔުމާއި، ބަސް ބުނުމުގެ ފުރުސަތު ރައްޔިތުންނަށް ނުދީ، ރައްޔިތުންގެ އަޑުނާހާ ކަމަށްވާނަމަ ތިބެންޖެހޭނީ ދުރުގައި ކަމަށް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ސޯލިހް ވިދާޅުވީ އެމްޑީޕީ ގަބޫލުކުރާ ސިޔާސަތަކީ ފާޑުކިޔޭނެކަމަށާއި ކިޔަންޖެހޭނެކަމަށެވެ. އަދި ރައްޔިތުން އިންތިހާބުކޮށްފައި ހުންނަ ޕަބްލިކް ސާވިސްގައި ހުންނަ މީހަކާއި ދޭތެރޭގައި ރައްޔިތުންނަށް އެއްޗެހި ކިޔޭނެކަމަށާއި އެމީހެއްގެ ޕާސަނަލް މާ ބޮޑު ދާއިރާއެއް ނޯންނާނެކަމަށެވެ.

އިތުރުން ސޯލިހް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ޕާޓީގެ ދައުރު މުހިންމުކަމަށާ ބަޖެޓުގައި ހިމަނާކަންކަން ނުކުރާނަމަ އެކަމަށް މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭނެކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެންމެ ރަނގަޅު ބަޔަކީ އެމްޑީޕީ މެންބަރުކަމަށް ސޯލިހް ވިދާޅުވިއެވެ. އެމްޑީޕީގެ ސިޔާސަތަކީ ރައްޔިތުންނަށް ހިދުމަތްކުރުންކަމުގައި ފާހަގަކުރައްވަމުން ސޯލިހް ވިދާޅުވީ މިއަދުގެ ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް ފުވައްމުލަކު އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުއަށް އެމްޑީޕީގެ މެންބަރުން އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެފައެވެ.