"ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ދޫކުރާނެ ކަމުގެ ޔަގީންކަން ފޯރުކޮށްދިނުމުގެ ގޮތުން މިނިސްޓަރު ޑރ. ހައިދަރު އަހީ އަހުމަދުގެ ނަމުގައި ބިން ލިބުނު ފަރާތްތަކަށް ލިޔުމެއް ފޯރުކޮށްދީފިއެވެ.

މިނިސްތްރި އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ބުނީ، މި ލިޔުން ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ފެންނާނެއެވެ. ނަމަވެސް ލިޔުމުގައި އޮތީ ކޮންވާހަކައެއްކަން 'ދަ ޕޕްރެސް' އަށް އަދި ޔަގީން ކުރެވިފައި ނުވާ އިރު، ގޯތި ލިބިފައި ވާ ފަރާތްތަކަށް ޕޯޓަލް އިން އެ ލިޔުން ފެންނާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިއްކުމުގެ މަސައްކަތް ކުރަމުން ދާ ގިރާވަރު ފަޅާއި އެއްބައި ހިއްކާ ނިމިފައި އޮތް ގުޅިފަޅާއި ހިއްކާ މީހުން އާބާދުވެފައި ވާ ހުޅުމާލެއިން 9001 ގޯތި ކަނޑާ ދީފައި ވެއެވެ.

ގޯތިން ދިން ގޮތުގެ ތަފްސީލު؛

ގުޅިފަޅު: 2218 ގޯތި

ގިރާވަރުފަޅު: 5432 ގޯތި

އަދި ހުޅުމާލެއިން 1351 ގޯއްޗެވެ.

މި ގޯތިތަކުގެ ތެރެއިން ހުޅުމާލެ އާއި ގުޅިފަޅުގައި ހިއްކާފައި އޮތް ސަރަހަދުން އިން ކަނޑާ ބައެއް ގޯތި ވަނީ އެ ގޯތިތައް ގުރުއަތުން ލިބުނު ފަރާތްތަކާ ހަވާލު ކޮށްފައެވެ. އަދި ގިިރާވަރު ފަޅާއި ގުޅިފަޅުގެ އިތުރުން ހުޅުމާލެއިން ގޯތި ލިބޭ ގިނަ އަދަދެއްގެ ބަޔަކަށް ގޯތީގެ ރަޖިސްޓްރީވެސް ވަނީ ހަވާލު ކޮށްފައެވެ. ތަފާތު ސަބަބުތަކާ ހުރެ ރަޖިސްޓްރީ އާ ހަވާލު ނުވާ މީހުން ތިބި އިރު، އެ މަސައްްކަތް ހިނގަމުން މިދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ވަނީ ކޮށްފައެވެ.

އާ ސަރުކާރަށް 6 މަސް ވާން ދާއިރު، ބިންވެރިޔާ ސްކީމުން ގޯތި ދިން ސަރަހައްދުތަކަކީ ރަނގަޅު ލޭންޑްޔޫސް ޕްލޭނެއް ނެތި ގޯތި ދޫކޮށްފައި ވާ ސަރަހައްދުތަކެއް ކަމަށާއި ހުޅުމާލެ އިން ދޫކުރި ގޯތިތައްވެސް އެތާނގައި ވަޅުލާފައި އޮތް ފެނާއި ނަރުދަމާގެ ނެތްވޯކަށް އަރާ ކަމަށް މި ސަރުކާރުން ވަނީ ބުނެފައެވެ. އެއާއެކު މި މައްސަލަ ހައްލުކުރަން އެޗްޑީސީން މަސައްކަތް ފަށާފައި ވާ އިރު ގިރާވަރު ފަޅަށް ރަނގަޅު ލޭންޑްޔޫސް ޕްލޭނެއްވެސް ނެތް ކަމަށް ބުނެ އެތަނުން ގޯތި ލިބުނު މީހުންގެ ތެރެއިން 1347 ގޯތި ގުޅިފަޅަށް ބަދަލުކުރަން ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ގެނައުމަށް މި ސަރުކާރު ވެރިކަމާ ހަވާލުވެ މަސްދުވަސް ނުވަނީސް ވަނީ 'ރަސްމާލެ' ހިއްކަން ފަށާފައެވެ. އެއީ 65000 މީހުންގެ އާބާދީއަކަށް އަމާޒުކޮށް ހިއްކާ ތަނެއްކަމަށް މިސަރުކާރުން ބުނެފައި ވެއެވެ.