ފިތުރު އީދު ދުވަހު ހަވީރު މާލެ ސަރަހައްދުގައި (މާލެ، ވިލިމާލެ އަދި ހުޅުމޭލޭގައި) ވެހިކަލް ދުއްވުން މަނާކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އީދު ދުވަހު ހަވީރު 4:00އިން 6:00އަށް ވެހިކަލް ދުއްވުން މަނާކޮށްފައި ވަނީ އީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކަމަށެވެ.

ވެހިކަލް ދުއްވުން މަނާ ގަޑިތަކުގައި އެމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ހާއްސަ ސްޓިކާ ސިޓީ ކައުންސިލްގެ އާންމު ހިދުމަތާއި ބެހޭ ބައިން އެފަދަ ހިދުމަތްތައް ދޭ ވެހިކަލްތަކަށް އީދު ދުވަހުގެ ހެނދުނު 10:00އިން ހަވީރު 4:00އަށް ދޫކުރާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން އިތުރަށް ބުނީ އީދު ދުވަހު ހަވީރު އިންޖީނުލީ އަދި ބެޓެރި އުޅަނދު ދުއްވުމަކީ މަނާ ކަމެއް ކަމަށެވެ. އަދި އެފަދަ ވެހިކަލް ދުއްވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމާފައިވަނީ މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 140ވަނަ ރަސްމީ އާންމު ބައްދަލުވުމުގައެވެ.