އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.

ރޭގެ ދަންވަރުގެ ވަގުތެއްގައި ނިޔާވެފައި ވަނީ ރައުޟާ އުމްރާ ގުރޫޕުގެ ފަރާތުން އުމްރާއަށް ދިޔަ ގދ. ނަޑެއްލާ، މޫނިމާގޭ އާއިޝަތު އިބްރާހީމް (އައިސާނިކެއްތަ) އެވެ.

އެ ގުރޫޕުން މައުލޫމާތު ދިން ގޮތުގައި އައިސާނިކެއްތަ ނިޔާވިއިރު ވަނީ ދެ އުމްރާ ފުރިހަމަ ކޮށްފައެވެ.

އުމްރާގެ އަޅުކަމަށް ދިޔަ ދިވެހިން މީގެ ކުރީގެ ބައެއް ދަތުރުތަކުގައި ވެސް ނިޔާވެފައިވާއިރު މި ރަމަޟޯން މަހު ވަނީ ޒަމްޒަމް ހައްޖު އެންޑް އުމްރާ ގުރޫޕުގެ ފަރާތުން އުމްރާއަށް ދިޔަ އިބްރާހިމް ރަޝީދުވެސް ނިޔާވެފައެވެ.

އިބްރާހިމް ރަޝީދު ނިޔާވެފައި ވަނީ ފުއްޕާމޭގެ ކެންސަރަށް ފަރުވާ ހޯދަމުންނެވެ. އަދި ފާއިތުވި ދުވަސްތަކުގައި ވެސް އިބްރާހިމް ދިޔައީ ފުއްޕާމޭގައި އިންފެކްޝަން އުފެދި މައްކާގެ ނޫރު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ކަމަށް ޒަމްޒަމް ޓީމުން ވަނީ ބުނެފައެވެ.