އއ.ރަސްދޫ މިސްކިތެއްގެ ފާހަނާތެރެއަށް ކުޑަ ފިރިހެން ކުއްޖަކު ވައްދާ 'ބުލީކޮށް' އަނިޔާ ކުރި މައްސަލައިގައި ހިމެނޭ 14 އަހަރުގެ ފިރިހެން ކުއްޖާގެ އާއިލާއިން އެކަމަށް މާފަށް އެދިއްޖެއެވެ.

މި ކުއްޖާގެ އާއިލާގެ މީހަކު ރޭ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ މި މައްސަލާގައި އަނިޔާ ލިބުނު ކުއްޖާ އަށް ލިބިފައިވާ ބިރުވެރިކަމާއި ނަފުސާނީ ގެއްލުމަކީ އުމުރުދުވަހު ހިތުގައި ހުންނާނެ ކަންތައްތަކެއްކަން ދަނެ، އެކަމާ މެދުގައި އެ އާއިލާއިން ހިތާމަކުރާކަމަށާއި މި އަމަލު އާއިލާގެ ފަރާތުން ކުށްވެރިކުރާ ކަމަށެވެ.

މި އާއިލާއަށް ނިސްބަތްވާ ކުއްޖަކު ވަނީ އަނިޔާ ލިބުނު ކުއްޖާ މަރާލަންޖެހޭ ކަމަށް ބުނެ ކޮމެންޓް ކޮށްފައެވެ. އާއިލާއިން ބުނީ އާއިލާގެ ސަމާލު ކަމަށް މި ކަން އައީވެސް މި ކޮމެންޓުގެ ސްކްރީންޝޮޓްތައް ސޯޝަލް މީޑިއާގައި ދައުރު ވާން ފެށުމާއި ގުޅިގެން ކަމަށެވެ. އެގޮތުން މި ސްކްރީންޝޮޓްތައް ދައުރުވާން ފެށުމުން މުޖުތަމައަށް މި އާއިލާ ސިފަވެފައި ވަނީ ހަނގާކުރުމަށް ހިތްވަރުދޭ އާއިލާއެއްގެ ގޮތުގައި ނަމަވެސް އެ ސްކްރީންޝޮޓްތަކުގައި އޭނާ ބުނެފައިވާ ވާހަކަތަކަކީ މި އާއިލާއިން މި މައްސަލައާ މެދު ދެކޭގޮތް ނޫންކަމަށް ފޭސްބުކުގައި ކުރި ޕޯސްޓުގައި އާއިލާއިން ވަނީ ބުނެފައެވެ.

އަނިޔާ ލިބުނު ކުއްޖާ މަރާލަންޖެހޭ ކަމަށް ބުނެ ކޮމެންޓް ކުރި ފަރާތުންވެސް ފޭސްބުކުގައި ވަނީ އެކަމަށް މާފަށް އެދިފައެވެ. މީގެއިތުރުން އާއިލާއިން ކުރި ފޭސްބުކް ޕޯސްޓުގައި ބުނެފައިވަނީ ކުއްޖާ ރަނގަޅު ގޮތުގައި މުޖުތަމައު އަށް އަލުން އަނބުރާ ނެރުމަށް އާންމުންނާއި ކަމާބެހޭ އިދާރާތަކުގެ އެއްބާރުލުން އާއިލާއިން ބޭނުންވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ ދައުރުވާން ފެށުމާއެކު ފުލުހުން ވަނީ މި މައްސަލަ ބަލަން ފަށާފައެވެ. މި ގޮތުން ފުލުހުން މީޑިއާއަށް ހިއްސާކުރި މައުލޫމާތުގައި ބުނީ ގަނާ ކުރުމުގައި ބައިވެރިވީ 13 އަހަރުގެ ކުއްޖަކާއި 14 އަހަރުގެ ކުއްޖެއް ކަމަށާ، އަނިޔާ ލިބުނު ކުއްޖާއަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުން ދާކަމަށެވެ.

އަނިޔާ ލިބުނު ކުއްޖާ އަކީ އއ. މަތިވެރީގެ ކުއްޖެކެވެ. ރަސްދު އަށް އެ ކުއްޖާ ދިޔައީ އާއިލާ އެކު ޗުއްޓީ އަށެވެ. މި މައްސަލައިގައި ގިނަ ބަޔަކު ކަންބޮޑުވުންފާޅުކޮށް އަނިޔާ ލިބުނު ކުއްޖާއަށް އިންސާފު ހޯދައި ދިނުމަށް ދަނީ ގޮވާލަމުންނެވެ.