ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކަށް ލިބއްޖެނަމަ ރައީސް ޑރ. މުއިއްޒަށާއި ދިވެހި ސަރުކާރަށް ޖެއްސުން ނޫން ކަމެއް ނުކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓާ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް މިފަދައިން ވިދާޅުވީ ފެލިދޫ އަދި ފޮނަދޫ ދާއިރާގެ ޕީއެންސީ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފައިސަލް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ތަރައްގީގެ ވަރަށް ބޮޑެތި މަޝްރޫތަކެއް ކުރެއްވުމަށް ކަމަށާއި ދިވެހިންގެ ހާލަތު ބަދަލު ކުރެއްވުމަށްކަމަށެވެ. މިކަން ހާސިލުކުރުމަށް ރައްޔިތުން މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުންވާނެ ކަމަށާއި ރައްޔިތުންގެ ކިބައިން އެދެނީ އެކަން ހާސިލުކޮށްދިނުމަށް ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ފައިސަލް ވިދާޅުވީ ޒުވާނުންގެ ކިބައިން ހާއްސަކޮށް މިކަމުގައި ބައިވެރިވެ މެޖޯރިޓީ ހޯދައިދިނުމަށް އެދޭ ކަމަށް ވިދާޅުވެފައެވެ. މި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވަނީ އެމަނިކުފާނުގެ އަމާޒަކީ ރައްޔިތުންނަށް ވި ވައުދުތައް ފުއްދައި ދިނުން ކަމަށާއި ނަތީޖާ ނެރެދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

ރައީސްވެސް ވިދާޅުވީ އެކަން ކުރުމަށް އެންމެ ބޮޑަށް މަގު ފަހިކުރެވޭނީ މަޖިލިސް ތެރެއިން ކަމަށާއި ސަރުކާރަށް ނިސްބަތްވާ ކެންޑިޑޭޓުން މަޖިލީހުގައި ތިއްބެވުން މުހިންމު ކަމަށެވެ. އަދި މަޖިލީހަކީ ރައްޔިތުންގެ މަސްލަހަތު ހިމެނޭ މުހިންމު މަސައްކަތްތަކަކާއި ނިންމުންތަކެއް ނިންމަންޖެހޭ ތަނެއްކަމަށާއި އެގޮތުން ގާނޫނުތައް ހެދުމާއި، އިސްލާހުކުރުމާއި ބަޖެޓް ފާސްކުރުންފަދަ ކަންކަމަކީ ރައްޔިތުންގެ އުއްމީދުތަކާ އެއްގޮތަށް ނަތީޖާ ނެރުމަށް މުހިންމު ކަންތައްތަކެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.