އިޒްރޭލުން ގާޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާނީ ހަނގުރާމައަށް 6 މަސް ވެފައި ވާ އިރު، ހަމާސްގެ އަތްދަށުގައި ތިބި 130 ރަހީނުން ސަލާމަތް ނުކުރެވޭތީ ރުޅިގަދަވެފައި ތިބި ރައްޔިތުން ނަތަންޔާހޫގެ އިސްތިއުފާއަށް ގޮވާލައިފިއެވެ.

އިޒްރޭލުން ވެރިކަން ކުރާ ތެލްއަވީވް އާއި އިތުރު 50 ސަރަހައްދެއްގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކާއި އިހުތިޖާޖުތަކުގައި 100،000 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ.

ބޮޑުވަޒީރު ނަތަންޔާހޫ އާ ދެކޮޅު ފަރާތްތަކާއި ހަމާސްގެ އަތްދަށުވެފައި ތިިބި ޔަހޫދީ ރަހީނުންގެ އާއިލާތަކުން ބައިވެރިވި މި މުޒާހަރާތަކުގައި ރަހީނުން މިނިވަން ކުރުމުގައި ނަތަންޔާހޫ ފެއިލްވެއްޖެ ކަމަށާއި އިސްތިއުފާ ދިނުމަށް ވަނި ގޮވާލާފައެވެ. އަދި ހަމާސްގެ އަތްދަށުގައި ހުއްޓާ މަރުވި ރަހީނެއްގެ ވާހަކަ އާކޮށް އޭނާ މަރުވީ ރަހީނުން މިނިވަން ކުރުމުގައި ނަތަންޔާހޫއަށް، އެއްބަސް ނުވެވިގެން ކަމަށް ވެސް ގޮވާފައި ވެއެވެ.

މަރުވެފައި އޮއްވާ އިޒްރޭލު ސިފައިންނަށް ފެނުނު އެ ޔަހޫދީ އަކީ، މިދިޔަ ޖެނުއަރީ މަޖު ހަމާސް އިން އާންމު ކުރި ރަހީނުންގެ ވީޑިއޯތަކުގެ ތެރެއިން ވީޑިއޯ އެއްގައި ސަލާމަތުން އިންތަން ފެންނަ މީހެއް ކަމަށާއި ރަހީނުން މިނިވަން ކުރާ އެއްބަސްވުމަށް ނަތަންޔާހޫއަށް ދެވުނު ނަމަ އޭނާ ސަލާމަތް ކުރެވުނީސް ކަމަށް ވެސް އެއްވި މީހުން ގޮވާފައި ވެއެވެ.

ހަނގުރާމަ ފެށިފަހުން މިހާތަނަށް 33،000 މީހުން ޝަހީދު ކޮށްލާފައި ވާއިރު، ހަނގުރާމަ ހުއްޓާލުމުގެ ވިސްނުމެއް އިޒްރޭލަކުން ނުގެންގުޅެއެވެ. އިޒްރޭލުގެ އެންމެ ގާތް ބައިވެރިޔާ އެމެރިކާއިން ދެކޮޅު ހަދަމުން ދިޔަ ނަމަވެސް މިސްރާ އިންވެގެން އޮންނަ ރަފާ އަށް އަރާނެ ކަމަށް ނަތަންޔާހޫ ދަނީ ބުނަމުންނެވެ. ރަފާ އަކީ މިވަގުތު ފިތިބާރުވެގެން 1.5 މިލިއަން މީހުން ދިރިއުޅެމުން ގެންދާ ސަރަހައްދެކެވެ.

އިޒްރޭލުން ރަފާ އަށް އެރުމަށް ގެންގުޅޭ ޕްލޭނާ އެމެރިކާއިން ދެކޮޅު ހެދި ނަމަވެސް ގާޒާގެ ރައްޔިތުން މަރަން، ބޮން އަޅަން ބޭނުންވާ ބާރުގަދަ ބޮމާއި ބޮން އަޅާ ބޯޓުތަކާއި މިސައިލްތައް މިހާރުވެސް އެންމެ ގިނައިން ފޯރުކޮށްދެނީ އެމެރިކާއިންނެވެ. މިވަގުތުވެސް ފޮނުވަން ތައްޔާރުވެފައި އޮތް 14 ބިލިއަން ޑޮލަރުގެ ހަތިޔާރު އެބަހުއްޓެވެ.

ރަފާ އަށް އަރަން އިޒްރޭލުން ގަދަފައި ވިއްދާ މައްސަލައިގައި އެމެރިކާއިން ބުނެފައި ވަނީ، ރަފާގައި ތިބި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ގޮތަށް ރަފާއަށް އަރައިގެން ނުވާނެ ކަމަށާއި އެނޫން ގޮތަކަށް އިޒްރޭލުން އެކަން ކުރާނަމަ އެކަމަކަށް އެމެރިކާއިން ތާއީދު ނުދޭނެ ކަމަށެވެ. އަދި ހަމަ އެއާއެކު ގާޒާއަށް އިންސާނީ އެހީ ލިބުމަށް އިޒްރޭލުން ހުރަސްއަޅާފައި ވާތީ އެކަން ނިމުމަކަށް ގެނެސް އިންސާނީ އެހީ ފޯރުކޮށްދޭންވެސް އެމެރިކާއިން ވަނީ ގޮވާލާފައެވެ. އެކަން އިޒްރޭލަށް ނުވާނަމަ އިޒްރޭލާ މެދު ގެންގުޅޭ ވިސްނުން ބަދަލުކުރަން ޖެހިދާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެ އިންޒާރު ދެއްވުމުން، އިޒްރޭލުން މިހާރު ވަނީ ގާޒާގެ އުތުރާ އީރެޒް ދޮރާށި ހުޅުވާލަން އެއްބަސްވެފައެވެ. އަދި ގާޒާގެ އުތުރާއި ދެކުނު ގުޅޭ ކުވައިތް ރައުންޑް އެބައުޓް [ވަށްބުރު] ސަރަހައްދަށް އިއްޔެ ވަނީ އެހީގެ ތަކެއްޗާއެކު ޓްރަކްތަކަށް ވަންނަން ފުރުސަތު ދީފައެވެ. މީގެ ކުރިން މިސަރަހައްދަށް ވަން ޓްރަކް ތަކަށާއި އެ ޓްރަކް ތަކުން ކާބޯތަކެތި ނަގަން އެއްވި ގާޒާގެ ރައްޔިތުންގެ ގަޔަށް ބަޑިޖަހާ 400 އަށް ވުރެ ގިނަ މީހުން އިޒްރޭލުން މަރާލާފައި ވެއެވެ.

އިޒްރޭލުގައި ނަތަންޔާހޫގެ އިސްތިއުފާއަށް ގޮވާ އަޑާއި ރަހީނުން މިިވަން ކުރަން ގޮވާ އަޑު ގަދަވެފައި ވާ އިރު، ސުލްހައިގެ މަގަށް ކަންކަން ގެންދެވޭތޯ ބަލަން އަނެއްކާވެސް ވާހަކަތައް ފަށައިފިއެވެ. މިސްރުގެ ވެރިރަށް ގާހިރާގައި ކުރިއަށްދާ މިވާހަކަތަކުގައި ހަމާސް އާއި އިޒްރޭލުގެ މަންދޫބުން ބައިވެރިވާ އިރު، އެމެރިކާ އާއި ގަތަރާއި އަދި މިސްރުގެ މަންދޫބުން ވެސް ބަައިވެރިވާނެއެވެ. މިއީ ހަމާސް އާއި އިޒްރޭލާ ދެމެދު ސުލްހަ ގާއިމު ކުރުމަށް މިސްރާއި އެމެރިކާ އަދި ގަތަރު ގުޅިގެން ބާރުއަޅާ ކުރަމުން ގެންދާ މަސައްކަތުގެ 5 ވަނަ ސިލްސިލާއެވެ. މީގެ ކުރިން ބޭއްވި 2 ބައްދަލުވުމަކުން ފިޔަވައި އެއްވެސް ބައްދަލުވުމަކުން ނަތީޖާއެއް ނުކުމެފައެއް ނުވެއެވެ. ފުރަތަމަ ބޭއްވި މަޝްވަރާ ބައްދަލުވުންތަކުގެ 2 ސިލްސިލާއެއްގެ ދަށުން ދެފަރާތުން ބައެއް ރަހީނުން މިނިވަން ކުރިއެވެ.