އއ.ރަސްދޫ މިސްކިތެއްގެ ފާހަނާތެރެއަށް ކުޑަ ފިރިހެން ކުއްޖަކު ވައްދާ 'ބުލީކޮށް' އަނިޔާކުރުމުގައި އާރަސް ބޮޑުބެރު ގްރޫޕުގެ މެމްބަރަކު ބައިވެރިވެފައިވާތީ، އޭނާ ވަގުތުން ގުރޫޕުން ވަކިކޮށްފައި ވާކަމަށް އެ ބޮޑު ބެރު ޓީމުން ބުނެފިއެވެ.

އާރަސް ބޮޑުބެރު ގުރޫޕުން ބުނީ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި، މި ކަމުގައި އާރަސް ބޮޑުބެރު ގުރޫޕުގެ އިތުރު މެމްބަރަކު ބައިވެރިވެފައި ވާނަމަ އެ މީހުންވެސް ގުރޫޕުން ވަކިކުރާނެ ކަމަށެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން 'އެކްސް' ގައި ވިދާޅުވީ ކުޑަކުއްޖާއަށް އަނިޔާކުރި މައްސަލަ އާ ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީ އަދި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ އިތުރުން ހޯމް މިނިސްޓްރީގެ އޮފިޝަލުން ހިމެނޭ ޓީމެއް މިހާރު ރަސްދޫގައި ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

ރޭ ސޯޝަލް މީޑިއާގައި ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ ދައުރުވާން ފެށުމާއެކު ފުލުހުން ވަނީ މި މައްސަލަ ބަލަން ފަށާފައެވެ. މި ގޮތުން ފުލުހުން މީޑިއާއަށް ހިއްސާކުރި މައުލޫމާތުގައި ބުނީ ގަނާ ކުރުމުގައި ބައިވެރިވީ 13 އަހަރުގެ ކުއްޖަކާއި 14 އަހަރުގެ ކުއްޖެއް ކަމަށާ، އަނިޔާ ލިބުނު ކުއްޖާއަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުން ދާކަމަށެވެ.

މީގެ އިތުރުން ފުލުހުން ވަނީ މި ވީޑިއޯ އިން ފެންނަ މަންޒަރު ތަކަކީ ބަލަން އުނދަގޫ އަދި ކުޑަ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެފަދަ މަންޒަރު ތަކަކަށް ވުމާއެކު މި ވީޑިއޯ އެކަކު އަނެކަކަށް ހިއްސާކޮށް ސޯޝަލް މީޑިއާގައި ސާކިއުލޭޓް ނުކުރުމަށް އެދިފައެވެ.

މި މައްސަލައިގައި ގިނަ ބަޔަކު ކަންބޮޑުވުންފާޅުކޮށް އަނިޔާ ލިބުނު ކުއްޖާއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލަމުން އަންނައިރު މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީ ގެ މުގައްރިރު ޖީހާން މަހުމޫދު ވިދާޅުވީ ރިޔާސަތުން ހުށަހަޅާ މައްސަލައެއްގެ ގޮތުގައި މިހާރު އެ މައްސަލަ ބެލުމަށް ކޮމިޓީއަށް ހުށަހަޅާފައިވާނެ ކަމަށެވެ.